2026 ވަނަ އަހަރުގެ 4 ވަނަ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ކޯހެކެވެ.
ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ތާވަލުކުރެވިފައިވަނީ 31 އޮކްޓޯބަރ 2026 އިން 12 ނޮވެމްބަރ 2026 ގެ ނިޔަލަށެެވެ.
ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަހެވެ.
މިކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކަކީ:
• އެކްއަކަލްޗަރގެ ނިޒާމުތައް.
• ދިރޭ ކަނާ އާލާކުރުން.
• ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން.
• ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން.
• ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން.
• އިތާމުތް އާލާކުރުން.
• މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން
• އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން.
• ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީން ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ ފޮނުއްވާނީ info@mmri.gov.mv އަށެވެ. މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އިންސްޓިޓިޔުޓްގެ ނަންބަރު 3322242 ނުވަތަ 9555373 އަށް ގުޅުއްވުމަށް ވެސް އެ ފަރާތުން އެދިލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!