ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރުމުގެ ބޭނުމުގައި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ބޭރުކުރުމުން އެކަމުގެ ގެއްލުން ވަނީ ވަކި ވެރިއަކަށް ނޫން ކަމަށާއި، އޭގެ ގެއްލުން ކުރަނީ ހުރިހާ ދިވެހިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" އާއި ގުޅޭ ބަހުސް ގަދަވެފައިވާ ދަނޑިވަޅެއްގައި، މީސްމީޑިއާގައި ޚިޔާލުފާޅުކުރައްވަމުން ބަންޑާރަނައިބުކަމާއި ދައުލަތާއި ސަރުކާރުގެ އެހެން ބައެއް އިސްމަގާމުތައް ވެސް ފުރުއްވާފައިވާ އާޒިމާ ވިދާޅުވީ ދިވެހިންގެ ޤައުމީ ލަނޑުދަނޑިއަކީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ވެގެންދިއުން ކަމަށެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ވިސްނުންތަކެއް މި މިޞްރާބަށް ބައްޓަންވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތަރައްޤީގެ ރާސްތާގައި ދިވެހިންނަށް އެންމެ ކަމުދާ ޤައުމަކީ ސިންގަޕޫރުކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، ސިންގަޕޫރުގެ ތަރައްޤީއަކީ އިޖްތިމާޢީ އަޚްލާޤާއި، ލަނޑުދަނޑިއަށް ވާޞިލުވާން ތަރައްޤީކުރި ޤައުމީ ވިސްނުންތަކާއި އަދި ޤައުމުގެ ކާމިޔާބީއާ ދެކޮޅަށް ރައްޔިތުން މަސައްކަތްނުކުރުމުގެ ނަތީޖާ ކަމަށެވެ.

Ad
rt

ރާއްޖޭގެ ތަރައްޤީއަށް މިއަދު އޮންނާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި އާބާދީ މުސްކުޅިވުމާ ދިމާލަށް މިސްރާބުޖެހުން ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭގެ އިތުރުން ކަރުދާހުގައި ކުރެހިފައިވާ އުންމީދުތައް ޙަޤީޤަތަކަށް ބަދަލުކުރުމަށް ތަމްރީނުވެފައިވާ އިންސާނީ ވަޞީލަތްތަކާއި އެކަށީގެންވާ އިންވެސްޓްމަންޓްތައް ގެނައުމަށް ބޭނުންވާ ފެކްޓަރސް ފުރިހަމަކުރަންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަށީގެންވާ މުއްދަތެއް ލިބިނުދީ އެކަށީގެންވާ އިންވެސްޓްމަންޓްތަކެއް ނުގެނެވޭނެ ކަމަށާއި، ކަންބޮޑުވާންޖެހެނީ 99 އަހަރަށް ކުއްޔަށް ދީގެން ނޫން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ކަންބޮޑުވާންޖެހޭނީ މުއްދަތު ކުރުވިޔަސް ދިވެހި ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑުގެ ދަށުގައި އިންވެސްޓްމަންޓްތައް ނުހުންނަނަމަ ކަމަށެވެ. ބިން އަދި އިންވެސްޓްމަންޓް ދިވެހިރާއްޖޭގެ ސިޔާދަތީ އަދި ޤާނޫނީ ބާރުވެރިކަމުގެ ދަށުން ނުނެއްޓެވޭނަމަ ކުއްޔަށް ދިނުމުގެ މައްސަލައެއް އޮވެގެން ނުވާނެ ކަމަށާއި، ކުއްޔަށް ދިނުމުން ލިބޭ ޤާނޫނީ ބާރުވެރިކަމާއި ބިން މިލްކުވުމުން ލިބޭ ޤާނޫނީ ބާރުވެރިކަމުގައި ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ދުނިޔޭގައި ހުންނަ މަދު ފައިސާ ގެނައުމަށް ޤައުމުތަކުން ފުރުޞަތުތައް ދެމުންދާއިރު، ރާއްޖެއަށް އިންވެސްޓްކުރަން ބަޔަކު އައުމަކީ އީޖާބީ ނަޒަރަކުން ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރަން އިންވެސްޓްމަންޓްތައް ބޭރުކުރީމާ ގެއްލުންވަނީ ވެރިމީހާއަކަށްނޫން. ގެއްލުންވަނީ ހުރިހާ ދިވެހިންނަށް،" އާޒިމާ ވިދާޅުވެފައިވެއެވެ.

ސިޔާސީ ވިސްނުމުގައި ރާއްޖެއިން ފަހާލެވުނު ބޮޑެތި އިންވެސްޓްމަންޓްތަކާއި އެ ފައިސާ ދުނިޔޭގައި ދެން އިންވެސްޓްކުރެވުނު ގޮތްތަކުން އެކަން ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޖީއެމްއާރްގެ މައްސަލައާ ގުޅޭގޮތުން އާޒިމާ ވިދާޅުވީ، އެއީ ރާއްޖޭގެ މާލީ، ޤައުމީ ސަލާމަތާ އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ސީދާ ގޮންޖެހުންތަކެއް ހުރެގެންނާއި، އެކަންކަން އިޞްލާޙުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ބާޠިލުކުރަންޖެހުނު އެއްބަސްވުމެއް ކަމަށެވެ. މިއަދު ފެންނަ އެއަރޕޯޓާއި އޭގެ ފައިދާ ދިވެހިންނަށް ލިބެން މަގުފަހިވީ އެ އެއްބަސްވުން ބާޠިލުކުރުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިންގެ މަސައްކަތުން ތަރައްޤީކޮށްފައިވާ ކުންފުނިތަކުގެ ޙިއްޞާ ބޭރުގެ ފަރާތްތަކަށް ވިއްކައި، އިޤްތިޞާދާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ ކޮންޓްރޯލް ބޭރު މީހުންނަށް ޙަވާލުކުރުމާއި، ކަނޑުމެދުން ހިއްކައި އެއްވެސް ވަޞީލަތެއް ނެތް ފަސްގަނޑެއްގައި ތަރައްޤީގެ މަޝްރޫޢު ހިންގައި ތަން އާބާދުކުރުމަށް ފުރުޞަތު ދިނުމާ ވަރަށް ތަފާތު ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.