ހދ. ފިނޭގައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
ފިނޭ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 3 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށު އާމަގުންނާއި ޒިޔާރަތްމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 100,000 (އެއްލައްކަ) އަކަފޫޓުގެ 2 ބިމާއި، 80,000 (އަށްޑިހަ ހާސް) އަކަފޫޓުގެ 1 ބިމެވެ.
މި ދަނޑުބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، އަމިއްލަ ފަރުދުންގެ އިތުރުން، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމަށް އަގު ހުށަހެޅުން އޮންނާނީ 12 އޮކްޓޯބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ފިނޭ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު، އަގު ހުށަހަޅާ ފޯމް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު (IUL/259/2026/80) އަދި ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ސާފުކޮށް ލިޔެފައި އޮންނަންވާނެ ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތު ޝީޓާއި ފޯމް އިޢުލާނާއެކު ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އަގުހުށަހަޅާ އެއް ފޯމު ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ކަމާ ގުޅޭ މަޢުލޫމާތު ޝީޓާއި އަގު ހުށަހަޅާ ފޯމު ފިނޭ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޢާންމު ކޮށްފައިވާ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
ފިނޭ އަކީ މިހާރުވެސް ދަންޑުބިންތައްދޫކޮށް ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!