މޮރޮކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ އެ މަގާމަށް އައްޔަންކުރެއްވީ، އުމުރުން 50 އަހަރުގެ ފާތިމާ އިއްޒަހްރާ އަލް މަންސޫރީއެވެ. މިއީ މުޅި އަރަބި ދުނިޔޭގައިވެސް ބޮޑުވަޒީރުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ.

Ad
rt

ޝާހީ ގަނޑުވަރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިން އާބަން ޕްލޭނިން މިނިސްޓަރުކަމާއި މައްރާކެޝްގެ މޭޔަރުކަން ކުރެއްވި މަންސޫރީއާ ހަވާލުކުރައްވާފައިވަނީ އާ ސަރުކާރެއް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ. އެކަމަނާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ، މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އިއުލާނުކުރި ވިދިގެން އައި ހަތަރުވަނަ ދުވަހުއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މަންސޫރީ ވިދާޅުވީ، މިއީ ހަގީގަތުގައިވެސް ތާރީޚީ އައްޔަންކުރުމެއް ކަމަށެވެ.

"ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އަންހެނަކު މި ނެގީ،" މަންސޫރީ ވިދާޅުވިއެވެ.

މިއީ ހަމައެކަނި އެކަމަނާއަށް ލިބުނު ފަޚުރެއް ނޫން ކަމަށާއި، މުޅި މޮރޮކޯގެ އެންމެހައި އަންހެނުންނަށްވެސް ލިބުނު ބޮޑު ފަޚުރެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި މަންސޫރީ ނިސްބަތްވެވަޑައިގަންނަވާ، ރަސްގެފާނަށް ތާއީދުކުރާ އޯތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ (ޕީއޭއެމް) އިން ވަނީ މޮރޮކޯގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 395 ގޮނޑީގެ ތެރެއިން 97 ގޮނޑި ކާމިޔާބުކޮށް، އެންމެ ގިނަ ވޯޓު ހޯދައިފައެވެ. ނަމަވެސް، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 198 ގޮނޑީގެ އަޣުލަބިއްޔަތު ނުލިބުމުން، މަންސޫރީގެ ފުރަތަމަ މަސައްކަތްޕުޅަކަށް ވާނީ ކޯލިޝަނެއް އެކުލަވާލެއްވުމެވެ. 2008 ވަނަ އަހަރު ރަސްގެފާނުގެ ރައްޓެހިބޭފުޅެއް ކަމަށްވާ ފުއާދު އަލީ އަލް ހިއްމާ އުފެއްދެވި ޕީއޭއެމްއިން ހުރިހާ ޕާޓީތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވީ ނަމަވެސް، ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޕީޖޭޑީ) އާއި ފެޑެރޭޝަން އޮފް ޑިމޮކްރެޓިކް ލެފްޓުން ވަނީ އިދިކޮޅުގައި ދެމިތިބޭނެކަން އިއުލާނުކޮށްފައެވެ.

އާ ސަރުކާރުގެ ކޯލިޝަނުން، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ނިންމުންތައް ނިންމާނެއެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ އިތުރުން ޕޯޗުގަލް އާއި ސްޕޭން ގުޅިގެންނެވެ. މަންސޫރީއަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރުން 2023 ވަނަ އަހަރުގެ އޯގަސްޓަށް ޓިއުނީޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖްލާ ބޫދަންއަށްފަހު، އަރަބި ދުނިޔޭގައި ބޮޑުވަޒީރުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ.

1976 ވަނަ އަހަރު މައްރާކެޝްއަށް އުފަންވެވަޑައިގެންނެވި މަންސޫރީ ވަނީ ފްރާންސުގެ ޔުނިވަސިޓީ އޮފް މޮންޕެލިއޭއިން ގާނޫނީ ދާއިރާއިން އެޑްވާންސްޑް ސްޓަޑީޒް ޑިޕްލޮމާއެއް އަދި އެމެރިކާގެ ނިއުޔޯކް ޔުނިވަސިޓީއިން އެންގްލޯ-ސެކްސަން ބިޒްނަސް ލޯއިން ޑިޕްލޮމާއެއް ހާސިލުކުރައްވައިފައެވެ. އެކަމަނާ ސިޔާސީ ދާއިރާއަށް ވެއްދެވީ 2009 ވަނަ އަހަރު މައްރާކެޝްގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ. އެއީ އެ ސިޓީގެ މޭޔަރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. ދެވަނަ ފަހަރަށް 2021 ގެ އިންތިޚާބަށްފަހު މައްރާކެޝް ސިޓީ ކައުންސިލުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި މަންސޫރީ ވަނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސް ތަކުރާރުކޮށް ކުރައްވައިފައެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަންސޫރީ ވަނީ މޮރޮކޯގެ މިނިސްޓަރ އޮފް ނޭޝަނަލް ސްޕޭޝަލް ޕްލޭނިން، އާބަން ޑިވެލޮޕްމަންޓް، ހައުސިން އެންޑް އާބަން ޕޮލިސީގެ މަގާމަށް އައްޔަންކުރައްވައިފައެވެ. އެކަމަނާގެ ވަޒީރުކަމުގެ ދައުރުގައި ގެދޮރުވެރިކަމަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޯގްރާމާއި، އާބަން ޕްލޭނިން އިސްލާހުކުރުމުގެ އިތުރުން އަލް ހައުޒް ބިންހެލުމުގައި ހާލުގައިޖެހުނު ފަރާތްތަކަށް އަލުން ގެދޮރު ހޯދައިދިނުމުގެ މުހިންމު މަސައްކަތްތައް ކުރައްވާފައިވެއެވެ.