ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދާނީ އަލަށް އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް މެރީނާއެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ކުއްޔަށް ދިނުން ހުއްޓާނުލައިފިނަމަ، ސަރުކާރު ބަދަލުވުމާއެކު އެކަމުގައި ބައިވެރިވި އިސްވެރިންނަށް އަދަބު ދޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިންޒާރު ދެއްވުމާ ގުޅިގެންނެވެ.

Ad
rt

މިކަމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރައީސް ޔާމީން މިއަދު ހަނދުމަފުޅުނެތީ ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި 1999 ވަނަ އަހަރު އެންމެ ފުރަތަމަ ޓޫރިޒަމާ ބެހޭ ޤާނޫނެއް އެކުލަވާލިއިރު ރިޒޯޓުތައް ކުއްޔަށް ދެމުން އައީ ގިނަވެގެން 25 އަހަރަށް ކަމަށާއި، 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޤާނޫނަށް ގެނެވުނު އިސްލާޙަކުން އެ މުއްދަތު 50 އަހަރަށް އިތުރުކުރި ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމާ ބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުން 99 އަހަރުގެ މުއްދަތު ހަމަވުމުން، އެރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ބަލަށް ކެނޑުމަށްފަހު ޖެހޭ އަގު އިންވެސްޓްކޮށްފައިވާ ފަރާތަށް ސަރުކާރުން ދައްކަންޖެހޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. ނަމަވެސް މިއާ ހިލާފަށް ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢު ގަވަން ކުރާނީ އަލަށް އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މި މަޝްރޫޢާ ގުޅިގެން މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓަރ އޮފް އިންޓެންޓް (ކޮމާޝަލް ޓަރމްސް އެގްރީމެންޓް) އެއްގައި ކަމަށާއި، މަޝްރޫޢު ފެށުމުގެ ކުރިން އިތުރަށް މަޝްވަރާކޮށްގެން އެކުލަވާލާ ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރުމުގެ އިތުރުން ގުޅުންހުރި ޤާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.

މި މަޝްރޫޢަކީ އާންމުކޮށް ބޭނުންކުރާ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްގެ ބަދަލުގައި، ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކުރެވޭ އިންޓެގްރޭޓެޑް މަންޒިލެކެވެ. އެގޮތުން މެގާ ޔޮޓް މެރީނާއަކާއި، ވޯޓަރފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން، ބްރޭންޑެޑް އަދި ލަގްޒަރީ ރެސިޑެންސްތަކާއި، ވިޔަފާރިއާއި، ކެއިންބުއިމާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ އިތުރުން ސިއްހީ، ތައުލީމީ އަދި ވެލްނެސް ހަބްތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. ރިއަލް އެސްޓޭޓް މިލްކިއްޔާތުތައް 99 އަހަރަށް ދޫކުރާ މި މަޝްރޫޢުގެ ސަބަބުން އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް އުފެދި، އަހަރަކު އިތުރު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި އާންމުންގެ ބޯހިޔާވަހިކަމަށް އެހީތެރިވުމަށް އީގަލް ހިލްސްއިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްޤީކޮށްދިނުމަށްވެސް ވަނީ ނިންމައިފައެވެ.

މި ބިޔަ މަޝްރޫޢު ކުރިއަށްދާނީ ދައުލަތުގެ ސޮވަރިން ދަރަނި އިތުރުނުވާ (ނޮން-ސޮވަރިން ޑެބްޓް) މޮޑެލްގެ ދަށުންނެވެ. އެގޮތުން ފައިސާ ހަމަޖައްސަނީ ޑިވެލޮޕަރުގެ އީކުއިޓީއާއި، އަމިއްލަ ފަރާތްތަކުގެ ކޯ-އިންވެސްޓްމަންޓާއި، ދަރަނި ފައިނޭންސިންގެ އިތުރުން ޕްރޮޕަޓީތައް ޕްރީ-ސޭލްސްގެ ގޮތުގައި ވިއްކައިގެންނެވެ. ތިމާވެށި ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް ބަލާއިރު، އިތުރު ފަޅުތައް ނުހިއްކައި މިހާރުވެސް ހިއްކާފައިވާ ބިން ބޭނުންކުރުމާއި، މޫސުމީ ބަދަލުތަކަށް ގޮންޖަހާލެވޭފަދަ އުމްރާނީ ވަސީލަތްތަކާއެކު، ކަނޑުގެ މާހައުލު މޮނިޓަރުކުރާ ނިޒާމުތަކާއި، މުރަކަ އާލާކުރާ ނާސަރީތަކުގެ އިތުރުން "ކާރު-ފްރީ" ސަރަހައްދުތައް ގާއިމުކުރުމަށްވެސް ވަނީ ރޭވިފައެވެ.