"ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާކޮށްގެން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ މާލެ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މި މަހުގެ 27 ވީ އާދިއްތަ ދުވަހުއެވެ.

Ad
rt

ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިންނެވެ.

މާލެ ވިޔަފާރި ބަނދަރުގައި ހިންގި މި އޮޕަރޭޝަނުގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓް ބަލައިފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެގޮތުން ބަލައިފާސްކުރި ޝިޕްމަންޓުން ޖުމްލަ 8،527،480 ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އެއީ ޖުމްލަ 426،374 ސިނގިރޭޓު ފޮއްޓެވެ.

ކަސްޓަމްސްއިން އިޖުތިމާއީ މީޑިއާ މަންސަ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އަތުލައިގަނެވުނު އެ ތަކެތި މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.