ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި ފަށާނެއެވެ،
މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖޯޝުން ފުރިގެންވާ ވާދަވެރި މި މުބާރާތުގައި ވާދަކުރާނީ، ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫއާއި، އެ އަތޮޅުގެ ރަނަރަޕް ފިއްލަދޫ އާއި، ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި، އެ އަތޮޅުގެ ރަނަރަޕް ނައިވާދޫ އަދި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމެވެ.
މި މުބާރާތުގައި ހއ. އަތޮޅު ބުރުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަންޏެވެ. އެހެންވެ، އެ އަތޮޅު ބުރުގައި ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. އެ މެޗު އޮތީ އިހަވަންދޫގައެވެ.
ހދ. އަތޮޅު ބުރުގައި 6 ޓީމެއް ވާދަކުރިއެވެ. އެއީ ޗެމްޕިއަން ހަނިމާދޫ، ރަނަރަޕް ނައިވާދޫ، މި ބުރު ހޯސްޓްކުރި ރަށް ނޮޅިވަރަންފަރުގެ އިތުރުން ކުރިންބާއި، ނޭކުރެންދޫ އަދި ކުމުންދޫއެވެ.
ށ. އަތޮޅުން ބައިވެރިވީ ކަނޑިތީމު އެކަންޏެވެ.
ނޯތު ޒޯން 1 ގެ މެޗުތައް މިއަދު ފަށާއިރު މި ބުރު ހޯސްޓްކުރާ ނައިވާދޫ ފާހަގަކުރެވެނީ ފުޓްސަލް ކުޅިވަރަށް ޚާއްޞަ ލޯތްބަކާއި ފޯރިއެއް އޮންނަ، ކުޅިވަރުގެ ރޫޙު އާލާވެފައިވާ ރަށެއްގެ ގޮތުގައެވެ. އެގޮތުން، 2026 ވަނަ އަހަރު ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އުފުލައިލީވެސް ނައިވައިދޫގެ ފުޓްބޯޅަ ޓީމެވެ.
އެއާއެކު، ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން "ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނޮމިނޭޓްވެފައިވާ ހަމައެކަނި ރަށަކީވެސް ނައިވާދޫއެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ (ފުޓްސަލް ކިންގް) ގެ ޝަރަފު ހޯދި ޔާމީން މުޙައްމަދަކީވެސް މި ފަޚުރުވެރި ރަށުގެ ހުނަރުވެރި ދަރިއެކެވެ.
ނައިވައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ނައިވައިދޫ އާއި ފިއްލަދޫއެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫއާއި ކަނޑިތީމެވެ.
މި މުބާރާތަށް މުޅި ނައިވައިދޫ ތައްޔާރުވެފައިވާއިރު، ނޯތު ޒޯން 1 ގެ މި ފޯރިގަދަ އަދި ވާދަވެރި މެޗުތައް ބަލާލުމަށާއި، ޓީމުތަކަށް ސަޕޯޓްކުރުމަށް އެންމެހާ ފަރާތްތަކަށް ނައިވައިދޫ ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ.
މި މުބާރާތުގެ ޒޯން 1ގެ އެންމެ ފަހު މެޗު އޮންނާނީ 2026 އޮކްޓޯބަރ 7 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!