މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 26 އަހަރުގެ ދިވެހި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އަންހެން މީހާ ނިޔާވި ކަމުގެ މައުލޫމާތު އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ސޯސަން މަގުގައި ދެ ސައިކަލު ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
މި ހާދިސާގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ނިޔާވި 26 އަހަރުގެ އަންހެން މީހާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!