މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އައިއޯއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމްޢިއްޔާއިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ.

Ad
rt

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންނެވެ.

އޭގެ އިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގު މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ހަމައެއާއެކު، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.