ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ އެއް އަގީދާއަކާއި އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ، އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށާއި، ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ނިވާ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ހަފްލާއަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު ރައީސް މުއިއްޒު ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީއެވެ.

"އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" (އަހަރެމެންގެ ފަޚުރަކީ އަހަރެމެންގެ ތަބީއަތު) މި ޝިއާރުގެ ދަށުން މިއަހަރު ފާހަގަކުރާ ސައުދީ ގައުމީ ދުވަހުގެ ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ އިގްތިސާދީ އަދި ތަރައްގީގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތުތައް ބޮޑުވަމުންދާކަން ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސައުދީ އަރަބިއްޔާއިން އަބަދުވެސް ވަމުންދާ ދީލަތި އެހީތެރިކަމަށް، ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދު އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދުގެ ލީޑަރޝިޕްގެ ދަށުން، އިގްތިސާދު ސިންދަފާތުކުރުމާއި، އީޖާދީ ކަންކަމާއި، އުމްރާނީ ތަރައްގީއާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެ ގައުމުން ހޯދަމުންދާ ބޮޑެތި ކުރިއެރުންތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ސައުދީގެ އިންވެސްޓްމަންޓްތަކާއި ތަރައްގީގެ ބައިވެރިވުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ގެދޮރުވެރިކަމާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ލޮޖިސްޓިކްސް ދާއިރާ ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ބަދަލުތަކުގައި ސައުދީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ދެ ގައުމުގެ ގުޅުމުގެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި "ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ރަސްމީކުރުން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރިޔާޟްގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2030" ގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، އިންވެސްޓްމަންޓާއި، އީޖާދީ ކަންކަމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދެގައުމީ އަދި ބައިނަލްއަގުވާމީ މަސްރަހުގައި ސައުދީ އަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ސާބިތުކަންމަތީ އޮތްކަން ހާމަކުރައްވަމުން، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށްޓަކައި އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހަފްލާގައި ރައީސްގެ ވާހަކަފުޅަށްފަހު، ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ ވަނީ ރައީސް މުއިއްޒަށް ހަނދާނީ ރަމްޒެއް އަރުވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ސައުދީ އަރަބިއްޔާގެ ތަރައްގީގެ ކުރިމަގު ދައްކުވައިދޭ ވީޑިއޯތަކެއްވެސް މި ހަފްލާގައި ވަނީ ދައްކާފައެވެ.