ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ތަމްރީނު ޕްރޮގްރާމް، "ވަރކްޕްލޭސް ޕްރޮފެޝަނަލިޒަމް އެންޑް ވެލްނަސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ މުވައްޒަފުންގެ މެދުގައި ޕްރޮފެޝަނަލިޒަމް އަދި ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި މި ސެޕްޓެމްބަރ މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމަކީ 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މިފަދަ ޕްރޮގްރާމްގެ ދެވަނަ ބުރުކަމަށާއި، މި ބުރު ރޭވިގެން ކުރިއަށް ގެންގޮސްފައިވަނީ މުވައްޒަފުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބިނާކޮށް، ދުޅަހެޔޮ މަސައްކަތު މާހައުލެއް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށެވެ.

މީގެއިތުރުން މި ތަމްރީނު ޕްރޮގްރާމުގައި އަލިއަޅުވާލެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޕްރޮފެޝަނަލް އަޚްލާޤީ މިންގަނޑުތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، މަސައްކަތުގެ މާހައުލުގައި އިތުބާރު އުފެއްދުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ގުޅުމެއް ބަދަހިކުރުން ހިމެނޭކަމުގައި އެ ކައުންސިލުން ބުންޏެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްޞަ ތަމްރީނު ޕްރޮގްރާމް، "ވަރކްޕްލޭސް ޕްރޮފެޝަނަލިޒަމް އެންޑް ވެލްނަސް"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

މައިގަނޑު ތަމްރީނު ސެޝަންތައް ނިމުމަށްފަހު، ބައިވެރިންނަށް ޚާއްޞަކޮށްގެން ގްރޫޕް ކޯޗިންގ ސެޝަންތަކެއްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ފެސިލިޓޭޓަރަކީ މަރިޔަމް މުޙައްމަދެވެ.

މަރިޔަމް މުޙައްމަދަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ލައިފް ކޯޗެއް، މޯޓިވޭޝަނަލް ސްޕީކަރެއްގެ އިތުރުން ކޯޕަރޭޓް ޓްރެއިނަރެކެވެ. މީގެއިތުރުން އޭނާއަކީ ރާއްޖޭގައި އަމިއްލަ ނަފްސު ތަރައްޤީކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މަޝްހޫރު ދެ މުއައްސަސާއެއް ކަމަށްވާ ކޯޗިން ސްޓޫޑިއޯ އާއި ޕާސަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ އިންސްޓިޓިއުޓް ގެ ފައުންޑަރެވެ.