ފާއިތުވި ހަފުތާގައި ބޭއްވި ގަތަރު ކްލަސިކް މުބާރާތް ކާމިޔާބުކޮށް، މިސްރުގެ އަމީނާ އޯރްފީ ދުނިޔޭގެ އަންހެން ސްކޮޝް ރޭންކިންގެ އެއްވަނަ މަގާމު ހޯދައި، ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
އުމުރުން އެންމެ 19 އަހަރާއި ދެ މަހުގައި އަމީނާ ވަނީ ޕްރޮފެޝަނަލް ސްކުއޮޝް އެސޯސިއޭޝަން (ޕީއެސްއޭ) ގެ ރޭންކިންގެ އެއްވަނައަށް ޖެހިލައި، މި މަގާމު ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އަމީނާ މި ރޭންކިންގެ އެއްވަނައަށް އައުމާއެކު މުގުރާލާފައިވަނީ މީގެ 40 އަހަރު ކުރިން ނިއުޒީލަންޑްގެ ސޫޒަން ދެވޯއީ ގާއިމުކޮށްފައިވާ ރެކޯޑެކެވެ. ސޫޒަން 1984 ވަނަ އަހަރު ދުނިޔޭގެ އެއްވަނަ މަގާމު ހޯދިއިރު އޭނާގެ އުމުރަކީ 20 އަހަރާއި ދެ މަހެވެ.
ގަތަރު ކްލަސިކް މުބާރާތުގެ ފައިނަލް މެޗުގައި އަމީނާ ވަނީ ކުރިން ދުނިޔޭގެ އެއްވަނައިގައި އޮތް އޭނާގެ ގައުމުގެ އުމުރުން 26 އަހަރުގެ ހާނިއާ އެލް ހައްމާމީ 3-2 އިން ބަލިކޮށްފައެވެ. ވާދަވެރި މެޗުގެ ސެޓުތައް އާމިނާ ގެންދިޔައީ 7-11، 11-7، 11-8، 7-11 އަދި 12-10 އިންނެވެ. މިއީ އާމިނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ޕްލެޓިނަމް ޓައިޓަލްގެ އިތުރުން، އޭނާގެ ތިންވަނަ މޭޖާ ކާމިޔާބީއެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ 15 ވަނަ މުބާރާތުގެ ތައްޓެވެ.
މި އަހަރުގެ މެއި މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި، އޭރު ދުނިޔޭގެ ދެވަނައިގައި އޮތް ނޫރު އެލް-ޝަރުބީނީ ބަލިކޮށް، އުމުރުން 18 އަހަރާއި 10 މަހުގައި އަމީނާ ވަނީ ދުނިޔޭގެ އެންމެ ހަގު ސްކޮޝް ޗެމްޕިއަންގެ މަގާމުވެސް ހޯދާފައެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެއް ވަގުތެއްގައި ޕީއެސްއޭގެ ޖޫނިއާ އަދި ސީނިއާ ދުނިޔޭގެ ޗެމްޕިއަންކަން ދަމަހައްޓަމުން އަންނަ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދޯހާގައި ހޯދި ކާމިޔާބީއަށްފަހު ވާހަކަދައްކަމުން އަމީނާ ބުނީ، އެއް އަހަރެއްގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަމާއި އެއްވަނަ މަގާމު ހޯދުމަކީ ކުޑައިރުއްސޫރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
"މިއީ ވަރަށް އުފާވެރި އިހުސާސެއް. އަހަރެން ބޭނުންވަނީ މި ފެންވަރުގައި ދެމިހުރެ، ކޮންމެ ދުވަހަކުވެސް އިތުރަށް ކުރިއަރަން މަސައްކަތް ކުރަން. އެއްވަނައިގައި ދެމިހުރެ، އިތުރު ޓައިޓަލްތައް ކާމިޔާބުކުރަން ބޭނުން،" ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ ގަދަ ތިނެއްގައި ހިމެނެމުން އަންނަ އަމީނާ ބުންޏެވެ.
ޕީއެސްއޭގެ ރޭންކިން އާންމުކުރި ހޯމަ ދުވަހު އާމިނާ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުގައި، މި ކާމިޔާބީއަކީ ގިނަ ގުރުބާނީތަކެއްގެ ނަތީޖާއެވެ.
"އޮއްވާލި ދާ، އޮހޮރުވި ކަރުނަ، ލިބުނު މާޔޫސްކަން އަދި ވި ގުރުބާނީތަކުގެ ހަގީގީ ބޭނުމަކީ މި ވަގުތު ހާސިލުކުރުން،" މި ކާމިޔާބީ ފާހަގަކުރަމުން އަމީނާ ލިޔެފައިވެއެވެ.
ސްކުއޮޝް އަކީ ހަތަރު ފާރުލީ ބަންދު ކޯޓެއްގެ ތެރޭގައި ރެކެޓާއި ކުޑަ ރަބަރު ބޯޅައެއް ބޭނުންކޮށްގެން ކުޅޭ މަޝްހޫރު ރެކެޓް ކުޅިވަރެކެވެ. މި ކުޅިވަރު އާންމުކޮށް ކުޅެނީ ދެ ކުޅުންތެރިންގެ މެދުގައެވެ (ސިންގަލްސް). ނަމަވެސް ހަތަރު ކުޅުންތެރިން ވެގެން ޑަބަލްސް ވެސް ކުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!