ތުރުކީ ސުޕާ ލީގުގައި ރޭ ކުޅުނު މެޗުގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ހެޓްރިކާއެކު، އެންމެ ފަހުގެ ޗެމްޕިއަން ގަލަތަސަރާއި 4-0 އިން ބަލިކޮށް ޓްރެބްޒޮންސްޕޯއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޓްރެބްޒޮންސްޕޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ގަލަތަސަރާއި ބަލިވުމާއެކު، މިއީ މި ފެށުނު ސީޒަނުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

Ad
rt

ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓުގައި މެދުތެރެއިން ބޯޅަ ހިފައިގެން ކުރިއަށް ގޮސް ސަލާހު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޓްރެބްޒޮންސްޕޯއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން ނޯއާ ސަވިއޯލޯ ވަނީ އޭރިއާ ތެރެއިން ގޯލަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، 44 ވަނަ މިނެޓުގައި ފްރަންކުލީނޯ ޖޫ ތަނަވަސްކޮށްދިން ބޯޅައަކުން ސަލާހު ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ސަލާހު ވަނީ ދަނޑުގެ ދެބައިކުޅައެކަށް ވުރެ ބޮޑު ބައެއްގައި އެކަނި ބޯޅަ ހިފައިގެން ގޮސް، އޭނާގެ ހާއްސަ ސައިޑް-ފުޓް ފިނިޝިންއަކުން ހެޓްރިކް ފުރިހަމަކޮށްފައެވެ. ވޭތުވެދިޔަ މަހު ޓްރެބްޒޮންސްޕޯއާ ގުޅުނު މިސްރުގެ މަޝްހޫރު ކުޅުންތެރިޔާ ވަނީ މި ސީޒަނުގައި އެ ޓީމަށް ކުޅެދިން 6 މެޗުގައި 7 ލަނޑު ޖަހައި، 2 އެސިސްޓް ހަދާފައެވެ.

މި މެޗުގައި ގަލަތަސަރާއިގެ ފަރާތުން ފެނުނު ކަންކަމާ ގުޅިގެން، މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ކޯޗު އޯކާން ބުރޫކް ވަނީ ސަޕޯޓަރުން ތިބޭ ސޭންޑަށް ފޮނުވާލާފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، 87 ވަނަ މިނެޓުގައި ގަލަތަސަރާއިގެ ލެސްލީ އުގޯޗުކްވޫއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ޓްރެބްޒޮންސްޕޯގެ ކުރީގެ ކޯޗު ފާތިހު ތެކޭ މި މަހުގެ ކުރީކޮޅު މަގާމުން ވަކިވުމާ ގުޅިގެން، އެ ޓީމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ރައިސްއަށް މިއީ އެ ޓީމުގެ އިރުޝާދުދިނުމުގައި ހޭދަވި ފުރަތަމަ ހަފުތާއެވެ.

މި ނަތީޖާއާއެކު ޓްރެބްޒޮންސްޕޯ ވަނީ ކުޅުނު 6 މެޗުން 10 ޕޮއިންޓް ހޯދައި، ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ގަލަތަސަރާއިއަށް ވުރެ 3 ޕޮއިންޓް ފަހަތުގައެވެ.