އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ގުޅުންހުރި ބައިނަލްއަޤްވާމީ ބޮޑު މަކަރާއި ހީލަތުގެ ނެޓްވޯކެއް އަތުލައިގަނެވިފައިވާކަމަށް ތުރުކީވިލާތުގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މި ނެޓްވޯކް ފަޅާއަރުވާލާފައިވަނީ 2026 ވަނަ އަހަރު އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހުން ކުރިއަށްގެންދިޔަ ވަކިވަކި ހަތަރު ތަޙުޤީޤަކަށް ފަހުގައެވެ.

Ad
rt

މި ނެޓްވޯކްގެ ޙަރަކާތްތައް މޮނިޓަރކޮށްފައިވަނީ ތުރުކީގެ ޤައުމީ ޖާސޫސީ އިދާރާ (އެމްއައިޓީ) އިންނެވެ.

ކޯލް ސެންޓަރުތަކުގެ ނަމުގައި ހިންގި ބޮޑު އޮޅުވާލުން

ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، ކޯލް ސެންޓަރުތަކުގެ ގޮތުގައި ހިންގި މި ކުންފުނިތަކުން ވަނީ ބޭރު ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ފޮރެކްސް އަދި ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓްތަކުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ އިޝްތިހާރުކޮށްފައެވެ. މި ނެޓްވޯކުން 31 ކުންފުންޏަކާއި 42 ކޯލް ސެންޓަރު މެދުވެރިކޮށް ޔޫރަޕް، އޭޝިއާ އަދި އެފްރިކާގެ އެކި ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގާފައިވެއެވެ.

އިންޓަޕޯލްއާ ގުޅިގެން އިސްތަންބޫލާއި މުޣްލާގައި ހިންގި އޮޕަރޭޝަންތަކުގައި 239 މީހަކު އަމާޒުކޮށް، 175 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ތަޙުޤީޤީ އިދާރާތަކުން ހާމަކުރި ގޮތުގައި، މުވައްޒަފުންގެ މުސާރައާއި އޮފީސް ޚަރަދުތަކާ ގުޅުންހުރި މުޢާމަލާތްތަކުގެ އަދަދު ދެ އަހަރު ދުވަހުގެ ތެރޭގައި 267 މިލިއަން ޑޮލަރަށް އަރައެވެ.

މި އޮޕަރޭޝަންގައި ބަދަލުވާ ފޯނު ނަންބަރުތަކާއި، ފޭކް ލޯކަލް ކޯލަރ އައިޑީތަކާއި، އަދި އޮޅުވާލައިގެން ދެއްކި އިންވެސްޓްމަންޓް ފައިދާތައް ބޭނުންކޮށްގެން މީހުން ލައްވާ އިތުރަށް ފައިސާ ޖަމާކުރުވައިފައިވެއެވެ.

ވަރުގަދަ ސިއްރު ފިޔަވަޅުތަކާއި އިސްރާއީލާ އޮތް ގުޅުން

މި ނެޓްވޯކަށް މުވައްޒަފުން ނަގާފައިވަނީ އެމީހުންގެ ބަހުގެ ހުނަރަށް ބަލައިގެން ކަމަށާއި، މަސައްކަތް ފެށުމުގެ ކުރިން ޕޮލިގްރާފް (ދޮގު ހަދާތޯ ބަލާ) ޓެސްޓު ހަދައި، ކޯޑު ނަންތައް ދީފައިވާ ކަމަށްވެސް ތަޙުޤީޤުން ވަނީ ދެނެގަނެވިފައެވެ. އަދި އޮފީސްތަކުގެ އެތެރޭގައި ފޯނު ގެންގުޅުން މަނާކޮށް، ހީބްރޫ ބަހުން ވާހަކަދެއްކުން މަނާކުރުމުގެ އިތުރުން، ދައްކާ ވާހަކަތައް ބޭރަށް އަޑުނީވޭނެހެން ބާރަށް މިއުޒިކް ޖަހާފައި ބަހައްޓާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކަމާބެހޭ އިދާރާތަކުން އިތުރަށް ހާމަކުރި ގޮތުގައި، އިސްރާއީލުގެ ރައްޔިތުން މި ސްކޭމްގެ ޝިކާރައަކަށް ނުހެދުމަށް އޮޕަރޭޓަރުންނަށް އޮތީ އަންގާފައެވެ. އަދި ޖަރީމާތަކުން ހޯދި ފައިސާ ކްރިޕްޓޯކަރަންސީ މާކެޓްތަކާއި ކޯލްޑް ވޮލެޓްތައް މެދުވެރިކޮށް އިސްރާއީލަށް ފޮނުވާފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.