ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3" ނިންމާލައި، 341 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.
މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
2026 ޖޫން 8 އިން 2026 ސެޕްޓެންބަރު 19 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ 62 އަންހެން ދަރިވަރުންނާއި 279 ފިރިހެން ދަރިވަރުންނެވެ.
ޖުމްލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުން ދަސްވެނިވި ދަރިވަރުން ވަނީ "ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް" އެވޯޑް ހާސިލުކޮށްފައެވެ.
ޅ. މާފިލާފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރުގެ އިތުރުން، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އޮނަރަބަލް ޤީލާ ޢަލީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފްގެ އިތުރުން ދަރިވަރުންގެ ޢާއިލާތަކުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޔާލުފުޅާ އެކު ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!