ފްރާންސާއި ފަލަސްތީނަށް ނިސްބަތްވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ރީމާ ހަސަންގެ މައްޗަށް ހިންގާ ތަހުގީގުގެ ސިއްރު ހިފެހެއްޓުމުގެ ގަވާއިދުތަކާ ހިލާފުވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް، ފްރާންސްގެ ދާޚިލީ ވަޒީރު ލޯރެންޓް ނުނޭޒްއާ ދެކޮޅަށް ކޯޓް އޮފް ޖަސްޓިސް އޮފް ދަ ރިޕަބްލިކް (ސީޖޭއާރް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހުކުރު ދުވަހުއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ރީމާ ހަސަން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ސީޖޭއާރް އަށް މި މައްސަލަ ހުށަހެޅުއްވީ އޭނާގެ ގާނޫނީ ވަކީލު ވިސެންޓް ބްރެންގާތުއާއެކު ކަމަށެވެ.

Ad
rt

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްރެންގާތު ވަނީ ރީމާގެ މައްޗަށް ހިންގާ ތަހުގީގުގެ ސިއްރުތައް ހާމަކުރުމާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ބްރެންގާތު ވިދާޅުވި ގޮތުގައި މި މައްސަލަ ސީޖޭއާރްއިން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ ކޯޓުން މައްސަލައިގެ ތަހުގީގެއް ނުފަށައި ދޫކޮށްލާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި ފްރާންސްގެ ދެ ނޫހަކުން ވަނީ، ވަޒީރު ނުނޭޒް އާއި ފްރާންސްގެ ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނު ސާޝާ ސްޓްރައުބް-ކާން ތަހުގީގާ ގުޅޭ މައުލޫމާތުތައް ލީކުކޮށްލާފައިވާކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަކީލު ބްރެންގާތު އިތުރަށް ބުނީ، މި ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމުގެ ގާނޫނީ ފުރުސަތު ނުނޭޒްއަށް ލިބިވަޑައިގެންނެވީ ކޮން ގާނޫނީ ހަމައަކުންކަން ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި ނޫސްވެރިންނަށް އެ މައުލޫމާތުގެ އިތުރުން އެހެން މައުލޫމާތެއް ފޯރުކޮށްދީފައިވޭތޯ ބެލުމަކީވެސް މި މައްސަލަ ހުށަހެޅި ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ފްރާންސްގެ ތަހުގީގީ ނޫހެއް ކަމަށްވާ "މީޑިއާޕާޓް" އިން އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާ ގޮތުން، ޕެރިސްގެ ޖުޑީޝަލް ޕޮލިސް އޮފިސަރުން ވަނީ ޖެނުއަރީ 1 އިން ފެށިގެން ރީމާގެ ފޯނުގެ ހަރަކާތްތަކަށް ފާރަލައި، އޭނާ އުޅޭނޫޅޭ ތަންތަން ބަލާފައެވެ. މިއީ އޭނާއާ ދެކޮޅަށް ރަސްމީ ތަހުގީގެއް ފެށުމުގެ ކުރިން ކުރިއަށްދިޔަ ކަންތައްތަކެއް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، އޭނާގެ ދަތުރުފަތުރާއި ގުޅުންތައް ދެނެގަތުމަށްޓަކައި ޖިއޯލޮކޭޝަން ޑޭޓާގެ އިތުރުން ފްރާންސްގެ ގައުމީ ރޭލު ކުންފުނި އެސްއެންސީއެފް އާއި ބައިނަލްއަގުވާމީ ރޭލު ހިދުމަތް ތާލީސް އަދި އޭނާ ބޭނުންކުރާ ފޯނު ސާވިސް ޕްރޮވައިޑަރުގެ އަތުން މައުލޫމާތު ހޯދާފައިވެއެވެ.

ފަލަސްތީނަށް ތާއީދުކުރާ ޖަޕާނީސް ރެޑް އާމީގެ ކުރީގެ މެންބަރެއް ކަމަށްވާ ކޯޒޯ އޮކަމޯޓޯގެ ބަޔާންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެން، "ޓެރަރިސްޓް ޕްރޮޕެގަންޑާ" ފެތުރި ކަމުގެ ތުހުމަތުގައި މި އަހަރުގެ އެޕްރީލް މަހު ރީމާ ހަސަން ވަނީ ހައްޔަރުވެސް ކޮށްފައެވެ.