މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި އައު ބާބެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއް ރީޕޯސްޓް ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ މުސްތަގުބަލަށް ވަރުގަދަ ބިންގަލެއް އަޅައިދިން ނަތީޖާ ނެރެދިން ބައްދަލުވުމެއް ކަމަށެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް، ތައުލީމާއި ސިއްހަތު، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ، އިސްލާމީ ކަންކަން އަދި ދިފާއީ ދާއިރާ ހިމެނޭހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުން ވެސް އަލުން ވައުދުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Ad
rt

އިގުތިސާދީ ދާއިރާއިން ލިބުނު ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް 100 މިލިއަން ޔޫއެސް ޑޮލަރުގެ ކުރު މުއްދަތުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން ނިންމެވި ނިންމެވުމަށް ނުހަނު ޝުކުރުވެރިވާ ކަމަށެވެ. މީގެއިތުރުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާތީ އެކަމަށް މަރުހަބާ ދަންނަވަމުން، މިއީ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިވެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ޕީއެންސީގެ ގައުމީ މަހާސިންތާއަށް މެލޭޝިއާގެ ބޮޑުވަޒީރު ފޮނުއްވި ތާއީދާއި ހިތްވަރުގެ މެސެޖަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ކުރިއެރުމަށްޓަކައި، ރާއްޖެއާއި މެލޭޝިއާގެ ދެމެދުގައިވާ އަޚުވަންތަކަމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ވަނީ ދަތުރުފުޅުގެ ވީޑިއޯއަކާއެކު ހިއްސާކުރެއްވި މެސެޖެއްގައި، ރައީސް ޑރ. މުއިއްޒުއާއެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާތަކަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި މި އެކުވެރިކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައެވެ.