އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށް އދ. އިން ކަނޑައަޅާފައިވާ މިނިވަން މޮނިޓަރިން ޕެނަލްގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ރަޝިއާ އާއި ޗައިނާއިން ވީޓޯކޮށް ބާތިލްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސެކިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓުގައި، މޮނިޓަރިން މުއްދަތު އިތުރުކުރުމަށް 11 ގައުމަކުން ތާއީދުކޮށް ވޯޓު ދީފައިވެއެވެ. ނަމަވެސް، ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމަށްވާ ރަޝިއާ އާއި ޗައިނާއިން ގަރާރާ ދެކޮޅަށް ވޯޓުދީ ވީޓޯ ކުރުމުން ގަރާރު ވަނީ ފާސްނުވެފައެވެ. މި ވޯޓުގައި ޕާކިސްތާނާއި ސޯމާލިއާއިން ވަނީ ވަކިފަރާތަކަށް ނުޖެހި ތިބެފައެވެ.

Ad
rt

އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ މިންވަރު މޮނިޓަރުކޮށް ރިޕޯޓުކުރުމަށް ސެކިއުރިޓީ ކައުންސިލުން 2025 ވަނަ އަހަރު މިނިވަން މާހިރުންގެ ޕެނަލެއް އަލުން އެކުލަވާލި ނަމަވެސް، 15 މެންބަރުންގެ މެދުގައި އިއްތިފާގު ނުވެވުމުގެ ސަބަބުން އެ ޕެނަލަށް މާހިރުން އައްޔަންކުރެވިފައެއް ނުވެއެވެ.

ވޯޓަށްފަހު އދ. އަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސިލީ ނެބެންޒިއާ ބުނެފައިވަނީ، ޕާޝިއަން ގަލްފުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ފަދަ ނުރައްކާތެރި އަމަލުތައް ހިންގުން ހުޅަނގުގެ ގައުމުތަކުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އީރާނުން އދ. އަށް ކަނޑައަޅާފައިވާ މިޝަނުން ވަނީ އެމެރިކާއިން "ސިޔާސީ ބޭނުމެއްގައި" ހުށަހެޅި ގަރާރާ ދެކޮޅަށް ރަޝިއާ އާއި ޗައިނާއިން ނެގި ސާބިތު އަދި އުސޫލީ ނިންމުމަށް ޝުކުރު އަދާކޮށްފައެވެ. އެކްސްގައި އީރާނުގެ މިޝަނުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އެގައުމުގެ ބައިވެރިން ސެކިއުރިޓީ ކައުންސިލް ނާޖާއިޒު ގޮތުގައި ބޭނުންކުރުމަށް ކުރި މަސައްކަތް ރަޝިއާ އާއި ޗައިނާއިން ނާކާމިޔާބުކޮށްދީފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ނައިބު ސަފީރު ޖެނިފާ ލޮސެޓާ ބުނެފައިވަނީ، މިނިވަން މާހިރުންގެ ޕެނަލެއް ނެތުމުގެ ސަބަބުން ފިޔަވަޅުތަކާ ހިލާފުވާ މިންވަރު ބަލައި ވަކިފަރާތަކަށް ނުޖެހޭ ރިޕޯޓުތައް ހޯދުމުގެ ފުރުސަތު ސެކިއުރިޓީ ކައުންސިލަށް ގެއްލިގެންދާނެ ކަމަށެވެ. އަދި މޮނިޓަރުކުރުމުގައި އުފެދޭ މި ހުސްކަމުގެ ފައިދާ ލިބޭނީ އީރާނުގެ ސަރުކާރަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން މަސައްކަތްކުރާ ފަރާތްތަކަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އީރާނާ ދެކޮޅަށް އދ. އިން އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމާ އީރާނުން ހިލާފުވެފައިވާ ކަމަށް ބުނެ، ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުން "ސްނެޕްބެކް" މެކޭނިޒަމް ބޭނުންކޮށް، ސެކިއުރިޓީ ކައުންސިލްގެ ކުރީގެ ހަ ގަރާރެއް އަލުން އިއާދަކުރުމުންނެވެ. ނަމަވެސް އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާއި އެއްބަސްވުމާ ހިލާފުވި ކަމަށް ބުނާ ބުނުންތައް އިންކާރުކޮށްފައެވެ.

މި ހަފުތާގެ ކުރީކޮޅު، އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ މުހައްމަދު އެސްލާމީއަށް ވިއެނާގައި ބޭއްވި އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާއިން ވަނީ ހުރަސްއަޅާފައެވެ. އެއީ އޭނާގެ ދަތުރުފަތުރުގެ ބޭން އުވާލުމަށް ހުށަހެޅި އިސްތިސްނާ ސެކިއުރިޓީ ކައުންސިލުން ރައްދުކުރުމާ ގުޅިގެންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، އޮސްޓްރިއާއިން އެސްލާމީގެ ވިސާ ބާތިލްކުރުމާ ގުޅިގެން އޭނާއާއި އޭނާގެ ވަފުދަށް ފަސް ދުވަހުގެ ބައްދަލުވުމަށް ކުރަން އުޅުނު ދަތުރު ވަނީ ބާތިލްކުރަން ޖެހިފައެވެ.