އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް، އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ ދަށުގެ (ހައުސް އޮފް ކޮމަންސް) ގައި ވާހަކަދައްކަވަމުން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ސާފުކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ.
މިލިބޭންޑް ވިދާޅުވީ ޣައްޒާގައި ހިންގަމުންދާ ކަންކަމަކީ "ދުނިޔޭގެ އިންސާނީ ކަރާމާތަށް ހުރި ބަދެނާމެއް" ކަމަށާއި، އެތަނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމުގެ ހެކިތައް އިތުރުވަމުންދާ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގައި ވަޒަންވެރިންގެ ގޮތުގައި ތިބި އިސްރާއީލްގެ ޓެރަރިސްޓުން ފަލަސްތީނުގެ ރައްޔިތުން ނަސްލީ ގޮތުން ސާފުކުރަމުންދާ ކަމަށާއި، އިސްރާއީލު ސަރުކާރުން އެކަމަށް އަޅާނުލައި ދޫކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެއިތުރުން ނަތަންޔާހޫގެ ސަރުކާރުގެ ބައެއް މެންބަރުން ފަލަސްތީނު ރައްޔިތުން މަޖުބޫރުން ނެރެލުމަށް ތާއީދުކޮށް ވާހަކަދައްކައި، އަމަލުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި ސަރުކާރުން އެޅުމަށް ނިންމި ފިޔަވަޅުތަކުގެ ތެރޭގައި، ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ގާއިމުކޮށްފައިވާ އިސްރާއީލުގެ ގަވާއިދާ ހިލާފު އާބާދީތަކުން އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުން ހިމެނެއެވެ. މި ފިޔަވަޅަކީ ފްރާންސާއި ކެނެޑާ އަދި ވިލާތުގެ ބައެއް އެހެން ގައުމުތަކުންވެސް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ނިންމި ނިންމުމެކެވެ.
މީގެއިތުރުން އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތަކަށް އެހީތެރިވެދޭ ހަތިޔާރާއި، އަސްކަރީ ވަސީލަތްތަކާއި އަދި ދެބޭނުމެއްގައި ބޭނުންކުރެވޭ މުދާ އެކްސްޕޯޓް ކުރުމަށް ކުރިއަށް އޮތް ތަނުގައި އެދޭ ހުއްދަތައް ދޫނުކުރުމަށްވެސް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފު އާބާދީތަކުގެ ހަރަކާތްތަކަށް އެހީތެރިވެދޭ ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ރިއަލް އެސްޓޭޓް ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުންނާ ދެކޮޅަށް މާލީ ފިޔަވަޅުތަކާއި ވިސާ މަނާކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އަދި 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފާ ގަބޫލުކޮށް، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން ތިބުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމާ ގުޅިގެން އިސްރާއީލުގެ މަސްއޫލުވެރިން ވަނީ ވަރަށް ނުރުހުން ފާޅުކޮށްފައެވެ. އިސްރާއީލުގެ ރައީސް އައިސެކް ހަރްޒޮގް ވިދާޅުވީ ވިޔަފާރި މަނާކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ހެދި "ބޮޑު ގޯހެއް" ކަމަށެވެ. އަދި އިސްރާއީލުގެ ސެކިއުރިޓީ މިނިސްޓަރު އިތާމާރް ބެން-ގްވީރާއި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އިނގިރޭސިވިލާތާ ދެކޮޅަށް ހަރުކަށި ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ފަލަސްތީނުގެ ރިޔާސަތުން ވަނީ އިނގިރޭސިވިލާތުގެ މި ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައެވެ. އަދި މިއީ އިސްރާއީލުގެ ގަވާއިދާ ހިލާފު އާބާދީތައް ފުޅާކުރުމާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފަލަސްތީނުން ބުނެފައިވެއެވެ.
މީގެއިތުރުން، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އީހުދު އޮލްމާޓް ވިދާޅުވީ އިނގިރޭސިވިލާތުގެ މި ނިންމުމަކީ އިސްރާއީލު ސަރުކާރުގެ އިސް ވަޒީރުންގެ ތާއީދާއެކު ހަރުކަށި ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން "ނުވެ ނުދާނެ" ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!