ށ.ނަރުދޫ ކައުންސިލްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ މުޅިމުބާރާތުގެ އެއްވަނައަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް، އެ ކައުންސިލުން ބުނެފިއެވެ.

ނަރުދޫ ކައުންސިލުން "ތިލަދުން"އަށް ބުނީ، މުޅި މުބާރާތުގެ އެއްވަނައަށް ދާ ބައިވެރިޔާއަށް ޢުމްރާ ދަތުރު ސްޕޮންސަރ ކޮއްދެއްވީ "އަލް މަދީނާ ޙައްޖު އެންޑް ޢުމްރާ ގްރޫޕް"އިން ކަމަށެވެ.

Ad
rt

މިއީ ނަރުދޫގެ ތާރީޚުގައި ވެސް ކައުންސިލްގެ ފަރާތުން ޤުރުއާން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ ރަށު ކައުންސިލުން ހާމަ ކުރި ގޮތުގައި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަކީ މި މުބާރާތް ބޭއްވުމުގެ އެއް މަޤްޞަދެކެވެ.

އޭގެއިތުރުން ރަށު ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމާއި ކީރިތި ޤުުރުއާނުގެ ގިޔުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތު ކުރުމުގެ މުޙިއްމުކަން އަންގައިދިނުމަކީ ކައުންސިލްގެ އެއް އަމާޒުކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.

ނަރުދޫގެ ކޮންމެ ރައްޔިތަކަށް މި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު އޮތް އިރު، ޤުރްއާން ކްލާހެއް ނުވަތަ ސްކޫލެއްގެ ޤުރްއާން ޓީޗަރެއް ނުވަތަ ޤުރްއާން އުނގަންނައިދޭ ފަރާތަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.

24 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ވަނީ ސެޕްޓެމްބަރު 10 އަށް އިތުރުކޮށްފައެވެ.