ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ އެއްވެސް ދުވަސްވަރެއްގައި ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންފުޅު ކުރެއްވި މޭޒެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ މޭޒު ނީލަމަށް ލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުން ކަމަށެވެ.
އެ މޭޒު ނީލަން ކިޔާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށް ލުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ އޮފީހުން މިފަދަ ފަރުނީޗަރުތައް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ، އެ ނިޝާން ނައްޓައިލުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ނަމަވެސް ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައި" ނީލަން ކީ މޭޒާ ގުޅޭގޮތުން މުންދު ބަޔާނުގައި ވިދާޅުވެފަވެއެވެ.
މިފަދަ ޚަބަރުތައް މީޑިއާގައި ޝާއިޢުކުރުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯދައި ކަށަވަރުކުރުމަށް ޗީފް ސްޕޯކްސްޕާސަން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަސްމީގޮތުން ކަށަވަރުކުރުމަކާ ނުލައި، ޙަޤީޤަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މިފަދަ މަޢުލޫމާތު ޢާންމު ނުކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
މި މޭޒާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ބުނެފައިވަނީ، އެ މޭޒަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންފުޅު ކުރެއްވި މޭޒެއް ކަމަށެވެ. އަދި އެ މޭޒު ނީލަމުގައި ވިއްކާލާފައިވަނީ 12،500 ރުފިޔާއަށް ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!