ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށްޓަކައި ކުރިއަށްގެންދާ "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަންސައަކީ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ އަޑު ސަރުކާރުގެ އެކި ފެންވަރުގެ ސިޔާސަތުތަކާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

Ad
rt

މި ނިޒާމަކީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ މަޝްވަރާތަކުގައި އަންހެނުންގެ ޚިޔާލު ފާޅުކަން ބޮޑު ގޮތެއްގައި ހިމަނައި، އެ މަޝްވަރާތަކުން ލިބޭ ބިނާކުރަނިވި ހުށަހެޅުންތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ސިއްހަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މަސައްކަތެކެވެ.

މި މަންސައިގެ އެންމެ މައިގަނޑު ބޭނުމަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑުތަކާއި ޝުއޫރުތައް އަތޮޅު، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދިނުމެވެ. މީގެ ސަބަބުން ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި މަސައްކަތުގެ ދަށުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ގާއިމުކުރުމަށް ވަނީ ހަމަޖެހފައެވެ. މިއީ ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ މަންސަ މެދުވެރިކޮށް ކުރިއަށްގެންދާނެ މުހިންމު ހަރަކާތެކެވެ.

މީގެ އިތުރުން، އަތޮޅު ފެންވަރުގެ މަންދޫބުންނާއި، ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ގައުމީ މަންސަ" އެއްވެސް އެކުލަވާލާނެއެވެ. މި ގައުމީ މަންސައިގެ ސަބަބުން، އަތޮޅުތަކާއި ސިޓީތަކުން ފާހަގަކުރާ ކަންކަން އެއްކޮށް، ގައުމީ ފެންވަރުގެ އެޖެންޑާއަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މަންސަ ތައާރަފުކުރުމަށް ބޭއްވި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީތަކުގެ ކޮމިޓީތަކުން ބައިވެރިވެފައިވެއެވެ. ބައްދަލުވުމުގެ ތެރެއިން މިންތީގެ މަފްހޫމްތަކާއި، ގާނޫނުތަކުގެ އިތުރުން ގައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅޭގޮތުން ބައިވެރިން އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.