ށ. ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ މުޅި ރަށަށް ހުޅުވާލައިގެން، އަހަރަކު އެއް ފަހަރު ރަށު ފެންވަރުގައި ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

Ad
rt

އެ ރަށު ކައުންސިލުން ހާމަ ކުރި ގޮތުގައި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަކީ މި މުބާރާތް ބޭއްވުމުގެ އެއް މަޤްޞަދެކެވެ. އޭގެ އިތުރުން ރަށު ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމާއި ކީރިތި ޤުުރުއާނުގެ ގިޔުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތު ކުރުމުގެ މުޙިއްމުކަން އަންގައިދިނުމަކީ ކައުންސިލްގެ އެއް އަމާޒުކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.

ނަރުދޫގެ ކޮންމެ ރައްޔިތަކަށް މި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު އޮތް އިރު، ޤުރުޢާން ކުލާހެއް، ސްކޫލެއްގެ ޓީޗަރެއް ނުވަތަ ޤުރުއާން އުނގަންނައިދޭ އެއްވެސް ފަރާތަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެކަމަށް ކައުންސިލުން ބުނެއެވެ.

24 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދި 13 އޯގަސްޓް 2026 ވަނަ ދުވަހުން ފެށިގެން 26 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ށ. ނަރުދޫ ކައުންސިލްގެ ކައުންޓަރަށް ފޯމު ހުށަހެޅޭނެކަމަށް ކައުންސިލުން ބުނެއެވެ. އޭގެ އިތުރުން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ބޭނުންވާނަމަ އެ އިދާރާގެ ރަސްމީ މެއިލް info@narudhoo.gov.mv އަށް މެއިލް ކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

އެ ރަށު ކައުންސިލުން ހާމަ ކުރާ ގޮތުގައި މުބާރާތުގައި ވަނަވަނައަށް ދާ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން އަދި މުޅި މުބާރާތުން ވަނަވަނައަށް ދާ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން މުޅި މުބާރާތުން 1 ވަނަ ދަރިވަރަށް 7000.00 ރުފިޔާ، މުޅި މުބާރާތުން 2 ވަނަ ދަރިވަރަށް 3500.00 ރުފިޔާ އަދި މުޅި މުބާރާތުން 3 ވަނައަށް ދާ ދަރިވަރަށް 1500.00 ރުފިޔާ، ފައިސާގެ އިނާމް ދިނުމަށް އެ ކައުންސިލުންވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވުމަށްފަހު، މަޤްބޫލު ޢުޒުރެއް ދިމާވެގެން ވަކިވާން ބޭނުން ވެއްޖެނަމަ، އެ ކަމެއް ބަޔާންކޮށް ލިޔުމަކުން ނަރުދޫ ކައުންސިލް އިދާރާއަށް އަންގަން ވާނެކަމަށް އެ ކައުންސިލުން އެދެއެވެ.

މި މުބާރާތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަރުދޫ ކައުންސިލްގެ ނަންބަރު 6540688 / 6540049 އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.