ދިވެހިރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ މިންވަރަށް މީގެ ކުރިން ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ޤައުމެއްގެ ދާޚިލީ މިނިވަންކަން ފުރިހަމަގޮތުގައި އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން އޮވެގެންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިން ގަބޫލުކުރާ ހަމަޔަކީ ޑިމޮކްރަސީ އޭގެ ފުރިހަމަކަމުގައި ރާއްޖޭގައި އޮތުން ކަމަށާއި، މި ސަރުކާރުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ޙަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިޚާބުތައް ބާއްވަންވެސް ސްކޫލް ހޯލުތަކާއި، ދައުލަތުގެ މުއައްސަސާތައް ދެމުން ގެންދަވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވުމަށްވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން ގެންދަވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަކަށް ޙަރަކާތްތެރިވުމުގެ ފުރިހަމަ ފުރުޞަތު އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިފަހުން އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ކުރީގެ ރައީސަކުވެސް ޖަލަށްލާފައި ނުވާނެ ކަމަށެވެ. މީގެކުރިން އޮންނަ އުސޫލަކީ ސަރުކާރެއް ހޮވުމާއެކު އެންމެ ފަހުން ވެރިކަމުން ފޭބި މީހާ ޖަލަށްލުން ކަމަށާއި، އެއީ ބަދަލުހިފުމުގެ ރޫޙު ކަމަށް ރައީސް ސިފަކުރެއްވިއެވެ.

''އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާގޮތަކަށް ޙަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާއެކީގައި ފުރުޞަތު ދެމުން. ސިޔާސީ އެއްވެސް ލީޑަރަކު މިހާތަނަށް އައިއިރު ހައްޔަރުކޮށްފައެއް ނުވާނެ. ކުރީގައި ރައީސްކަން ކުރައްވާފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައެއް ނުވާނެ. މިއީތޯ މީގެކުރިން މި ޤައުމުގައި ކަންކަން އޮތްގޮތަކީ؟ ސަރުކާރެއް ހޮވާ ތަނުން އަވަސްވެގަންނަނީ، ކުރީގައި، އެންމެފަހުން ފޭބި ވެރިމީހާ ޖަލަށްލެވޭތޯ. ބަދަލުހިފުމުގެ ރޫޙު ނޫންކަމެއް ޤައުމުގައި ތަންފީޒުކޮށްފައެއް ނުވޭ. އެހެންނަމަވެސް، އަޅުގަނޑުވީ ވަޢުދަކީ، މި ޤައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު ނެތިކޮށްލާނަމޭ. އެހެންވީމާ، މިހާރު މި ރާއްޖޭގައި ސިޔާސީގޮތުން ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް. ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން މި ޤައުމު މިހާރު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި އޮތް އަނިޔާވެރިކަމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ސިޔާސީ ވެރިންނަށް މިނިވަންކަން މި ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިގޮތުން ޑިމޮކްރަސީގެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށް، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޖަލަށްލުން ހުއްޓާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްވެއުޅުމުގެ މިނިވަންކަން ފުޅާކުރުމުގެ ގޮތުން، ކުރީބައިގައި އެންގުމަކާ ނުލައި އެއްވެވޭ ސަރަހައްދުތައް ފަސް ގުނައަށް މި ސަރުކާރުން ވަނީ އިތުރުކޮށްދީފައެވެ. އަދި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދީފައިވާކަމަށާއި، މިނިވަންކަމުގެ ބޭނުން ހިފުމުގައި އިސްލާމްދީނުގެ އަސްލުތަކާއި ޤާނޫނުއަސާސީގެ އިންތަކަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމްކުރަންޖެހޭނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.