އެމެރިކާގެ ރައްޔިތުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ފާއިތުވި އަށް އަހަރުގެ ތެރޭގައި 67 ޕޮއިންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ބަދަލާއެކު، އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ބޭނުންވަނީ އިސްރާއީލަށް ދެމުންދާ އަސްކަރީ އެހީތައް ވަގުތުން ހުއްޓާލުމަށެވެ.
ސީއެންއެން އަދި ޕިއު ރިސާޗް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮލެޖް ފެންވަރަށް ތަޢުލީމު ހާސިލްކޮށްފައިވާ މީހުންނާއި ތަޢުލީމީ ސަނަދެއް ނެތް މީހުންވެސް މިހާރު އެއްބަސްވަނީ އިސްރާއީލަށް ދޭ އަސްކަރީ އެހީތައް ހުއްޓާލަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ބޮޑެތި މީހުންގެ 60 އިންސައްތަ މީހުން މިހާރު އިސްރާއީލާ މެދު ދެކެނީ ނުބައި ނަޒަރަކުންނެވެ. މި ބަދަލު އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.
އެމެރިކާގައި އޮތް ތާއީދު އަލުން ހޯދުމަށްޓަކައި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި ޕްރޮޕެގެންޑާ ނުވަތަ 'ހަސްބަރާ' ކެމްޕޭންތަކަށް 730 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިއީ އޭގެ ކުރީ އަހަރު ކަނޑައެޅި 150 މިލިއަން ޑޮލަރާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ.
މި ފައިސާ ބޭނުންކުރަމުންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، އިންފްލުއެންސަރުން މެދުވެރިކޮށް އަދި އެކި މީޑިއާތަކުގައި އިސްރާއީލަށް ތާއީދު ހޯދުމަށް އިޝްތިހާރު ކުރުމަށެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކޮލެޖް ދަރިވަރުންގެ މެދުގައި އިސްރާއީލުގެ ތަޞައްވުރު ރަނގަޅު ކުރުމަށް މި ކެމްޕޭނުގައި އިސްކަންދެއެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ކިތަންމެ ބޮޑު ހޭދައެއް އިޝްތިހާރު ކުރުމަށް ކުރި ނަމަވެސް، ޣައްޒާއިން ފެންނަމުންދާ އިންސާނީ ކާރިސާގެ މަންޒަރުތަކުގެ ސަބަބުން އެ ކެމްޕޭންތަކުގެ އަސަރު ވަނީ ކުޑަވެފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ފެންނަމުންދާ ހަގީގީ މަންޒަރުތަކާ ދެކޮޅަށް ފައިސާ ދީގެން ހިންގާ ޕްރޮޕެގެންޑާ ކެމްޕޭންތައް ކާމިޔާބުވުމަކީ ދުރު ކަމެއް ކަމަށް މުޙައްލިލުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!