ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން، މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެ މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު ހުކުރު ދުވަހު ހުޅުވާލާނެކަމަށް އެ މަޝްރޫޢުގެ ކޮންޓެކްޓަރު އެމްޓީސީން ބުނެފުއެވެ.
ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަކީ އެމްޓީސީސީ، އެޗްޑީސީ، ބީއެމްއެލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއަދު ހަވީރު ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އިންފްރާސްޓަކްޗަރ ހައުސިންގ، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބުދުﷲ މުއްތަލިބެވެ. މީގެ އިތުރުން ކެބިނެޓްގެ ގިނަ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، ބޮޑުތަކުރުފާނު މަގުގެ ނޯތު ހާބަރާއި ހެންވޭރު ފެރީ ޓާމިނަލާ ދެމެދު މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މި ހަރަކާތަކީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅުވައިގެން، އަލަށް ތަރައްޤީކުރި ސަރަހައްދު ޒީނަތްތެރިކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭ ސަރަހައްދާ ހަމައަށް 4 ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު، މާދަމާ ހަވީރު ޢާންމުންނަށް ހުޅުވާލާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މަގު ހުޅުވާލި ނަމަވެސް، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާނެއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޑިތަކުގެ ކައިރީގައި ހުރި ކާބް ސްޓޯންތަކުގައި ރަތްކުލައިގެ ދަވާދުލައި، ޢާންމުންނަށް ސަމާލުކަން ދެވޭނެ ގޮތް ވަނީ ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!