ކުޅުދުއްފުށި ސިޓީ ކައުންސިލާއި ފ. ބިލެއްދޫ ކައުންސިލާ ދެމެދު، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. ބިލެއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝާއިލް މާޙިރެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ކައުންސިލްގެ މުވައްޒަފުންގެ 'ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް' ނުވަތަ ފަންނީ ކުރިއެރުމަށް މަސައްކަތް ކުރުމާއި، ދެ އިދާރާގެ މެދުގައި ހުރި ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ހިއްސާކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ދެ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ހާސިލްކުރުމަށްޓަކައި ދެ އިދާރާގެ މެދުގައި ވަގުތީގޮތުން މުވައްޒަފުން ބަދަލުކުރުމެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށްވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިތުރަށް ބުނީ، މި އެއްބަސްވުމުގެ ދަށުން ބިލެއްދޫ ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ތަޖުރިބާގެ އަލީގައި ބޭނުންވާ ފަންނީ އެހީތެރިކަން އެ ކައުންސިލަށް ފޯރުކޮށްދޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ކައުންސިލްގެ ގުޅުން ބަދަހިވެ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ދެ ކައުންސިލުންވެސް އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!