ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ގަދަޔަށް އިވޭ އެއް ނަމަކީ ނޯވޭގެ ފޯވާޑް އާލިންގް ހާލަންޑްގެ ނަމެވެ. އިސްކޮޅުގައި 6 ފޫޓް 5 އިންޗި ހުންނަ، ބިޔަ ހަށިގަނޑެއްގެ ވެރި މި ކުޅުންތެރިޔާއަކީ ދަނޑުމަތީގައި އިދިކޮޅު ކުޅުންތެރިން ޖެހިލުންކުރުވާ ފަދަ ބާރުގަދަ "މެޝިނެއް" ފަދަ ކުޅުންތެރިއެކެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އޭނާއަށް ލިބެމުންދާ ތަރުހީބާއި މީހުން އޭނާ ސިފަކުރާ ގޮތް މުޅިން ތަފާތެވެ.
ވޯލްޑް ކަޕްގެ ހަތަރު މެޗުން ހަތް ގޯލް ކާމިޔާބުކޮށް، ގޯލް ޖެހުމުގެ މެޝިނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހާލަންޑަކީ އޭނާގެ ސަޕޯޓަރުންގެ މެދުގައި "ބޭބީގާލް" ނުވަތަ "ޕްރިންސެސް" އެކެވެ. މިއީ އޭނާގެ ހަރުކަށި ފިޒިކަލް ސިފަތަކާ ހިލާފަށް، އޭނާގެ އޮންލައިން މިޒާޖާއި ހަރަކާތްތަކުގެ ސަބަބުން ސަޕޯޓަރުން ދީފައިވާ ނަމެކެވެ.
ހާލަންޑް، އޭނާ ވަނީ ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައި،
ހާލަންޑްގެ ސަޕޯޓަރުން އަންހެނެއްގޮތަށް އޭނާ ސިފަކޮށް މަޒާޖީގޮތުން "ބޭބީގާލް" ނުވަތަ "ޕްރިންސެސް" ފަދަ ބަސް އޭނާ އާއިމެދު ބޭނުންކުރަމުން އަންނައިރު، ސޯޝަލް މީޑިއާގައި ހާލަންޑް އާންމުކުރާ މަޖާ ފޮޓޯތަކާއި، އޭނާގެ ދިގު ރަންކުލައިގެ އިސްތަށިގަނޑާއި، ބޭނުންކުރާ ކުލަކުލައިގެ އިސްތަށި އައްސާ ބޭންޑްތަކުގެ ސަބަބުން ފުޓްބޯޅައަށް ޝައުގުވެރިކަން ނުހުންނަ މީހުންވެސް މިހާރު އަންނަނީ އޭނާގެ ފޭނުންނަށް ވަމުންނެވެ. ވަކިން ހާއްސަކޮށް، އޭނާގެ ސިފަ "ޝްރެކް" އާ ވައްތަރުކަމަށް ބުނެ އަމިއްލައަށް ޖަހާ ޖޯކުތަކާއި، އޭނާގެ މަޖާ މިޒާޖުގެ ސަބަބުން "ޖެން-ޒީ" އެތުލީޓެއްގެ ގޮތުގައި އޭނާ ވަނީ މަގުބޫލުވެފައެވެ.
ހާލަންޑް
ނިއުޔޯކްގެ ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ސާރާ ވިލްސަން ބުނި ގޮތުގައި، ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު އެއް ސްޓްރައިކަރަށް ވުމާއެކު، އޭނާގެ ކިބައިގައި ހުންނަ "ޕްރިޓީ ނޯވޭޖިއަން ޕްރިންސެސް" އެއްގެ ސިފަތަކަކީ އޭނާ ދެކެ ލޯބިވާން ޖެހޭ ސަބަބެވެ.
"އޭނާގެ ހުނަރަކީ ފުރަތަމަ ތަނބު. އެކަމަކު އޭނާގެ މަޖާ މިޒާޖަކީ އޭނާ ހާއްސަވާ ސަބަބު،" ވިލްސަން ބުންޏެވެ.
ހާލަންޑް އާއި ފެމިލީ މެމްބަރުން
އެމެރިކާގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާލަންޑް ބުނީ، އެމެރިކާ މީހުންނަކީ ވަރަށް މަޖާ ބައެއް ކަމަށާއި، މިހާތަނަށް ވޯލްޑް ކަޕްގައި ލިބެމުންދާ ތަޖުރިބާ ވަރަށް ފުރިހަމަ ކަމަށެވެ.
ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހާލަންޑަކީ ހަމައެކަނި ކުޅިވަރު ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ މިހާރު ޕޮޕް ކަލްޗާގެ ބޮޑު ސިފައެކެވެ. މީގެ ކުރިން ކުޅުންތެރިންގެ މައުލޫމާތު ލިބެނީ ހަމައެކަނި އިންޓަވިއުތަކުން ކަމަށް ވިޔަސް، ހާލަންޑް ފަދަ ކުޅުންތެރިން މިހާރު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަމިއްލަ އިމޭޖް ބޭނުން ގޮތަކަށް ބައްޓަން ކުރަމުންނެވެ.
ހާލަންޑް އާއި ނޯވޭގެ ބައެއް ކުޅުންތެރިން، ފޮޓޯ: ގެޓީ އިމޭޖްސް
ކުރިއަށް އޮތް ކުއާޓާ ފައިނަލްގައި ނޯވޭ އިނގިރޭސިވިލާތާ ބައްދަލުކުރާއިރު، ހާލަންޑާއި އޭނާގެ ކުރީގެ ޓީމްމޭޓް ޖޫޑް ބެލިންގްހަމްގެ ރަހުމަތްތެރިކަމާ ގުޅޭގޮތުންވެސް ސޯޝަލް މީޑިއާގައި ދަނީ ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ. ގިނަ ބަޔަކު މިހާރު ތިބީ "ބޮޑު، އެކުވެރި ފިލާގަނޑު" ގެ ނަމުން މަޝްހޫރުވެފައިވާ ހާލަންޑްގެ ކުރިއަށް އޮތް ކާމިޔާބީތަކަށް އިންތިޒާރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!