ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އަންގާރަ ދުވަހު އާޖެންޓީނާ އަތުން 3-2 އިން މިޞްރު ބަލިވި މެޗުގައި، ރެފްރީން އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބުނެ މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީ.އެފް.އޭ) އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އީ.އެފް.އޭ އިން ބުނީ، ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަކީ ފަސްޖެހޭނެ ކަމެއް ނޫން ކަމަށާއި، މި މެޗުގައި ހިނގާދިޔަ ކަންތައްތަކާ މެދު "ހަނު ނުތިބެވޭނެ" ކަމަށެވެ. މި މެޗުގެ ފަހު 13 މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައިވަނީ ރެފްރީންގެ ނިންމުންތަކުގެ އެހީގައި ކަމަށް މިޞްރުގެ ކޯޗު ހުސާމް ހަސަނާއި ކުޅުންތެރިން ގަބޫލުކުރެއެވެ.
މިޞްރުން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީ.އޭ.އާރް) ބޭނުންކުރުމުގައި ގެންގުޅުނު ތަފާތުކުރުންތަކެވެ. މެޗުގެ 58 ވަނަ މިނެޓުގައި މިޞްރުން ޖެހި ދެވަނަ ލަނޑު، ވީ.އޭ.އާރް އިން ބެލުމަށްފަހު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ. އެއީ އެ ލަނޑު ޖެހުމުގެ ކުރިން މިޞްރުގެ މަރުވާން އަތިއްޔާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒްއަށް ފައުލްކުރި ކަމަށް ނިންމުމަށްފަހުއެވެ.
މި ތުހުމަތުތަކާ ގުޅިގެން ފީފާގެ ރެފްރީންގެ އިސްވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވިދާޅުވީ، ރެފްރީންގެ ނިންމުންތަކާ މެދު ބަހުސްކުރެވިދާނެ ނަމަވެސް، އެބޭފުޅުންގެ އިތުބާރާ މެދު ސުވާލު އުފައްދައި އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަތިއްޔާގެ ފައުލަކީ ސާފު ފައުލެއް ކަމަށާއި، ލަނޑެއް ޖެހުމުގެ ކުރިން ހިނގާ ކޮންމެ ފައުލެއް ބެލުމުގެ އިޚްތިޔާރު ވީ.އޭ.އާރް އަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޗުގެ ފަހުކޮޅު އާޖެންޓީނާގެ ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ކްރިސްޓިއަން ރޮމޭރޯ ލަނޑެއް ޖަހައި އުންމީދު އާކުރި އިރު، މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާއިން މެޗު ކާމިޔާބުކުރި ލަނޑު ޖެހުމާއެކު ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. މި ހަމަނުޖެހުމުގައި މިޞްރުގެ ގޯލްކީޕަރު ކޯޗު ސާފާން އަލްސަގީރަށް ރަތް ކާޑު ދެއްކިއިރު، ގިނަ ކުޅުންތެރިންތަކަކަށް ރީނދޫ ކާޑު ދެއްކިއެވެ.
މިޞްރުގެ ކޯޗު ހުސާމް ހަސަން ތުހުމަތުކުރި ގޮތުގައި، މުޅި ފުޓްބޯޅަ ނިޒާމު އޮތީ މެސީ އާއި އާޖެންޓީނާ ކޮޅަށެވެ. ނަމަވެސް ކޮލީނާ ވަނީ މިފަދަ ވާހަކަތަކުގެ ސަބަބުން ރެފްރީންނާއި އެމީހުންގެ އާއިލާތަކަށް ނުރައްކާވެދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
އީ.އެފް.އޭ އިން ބަޔާން ނިންމާލަމުން ބުނީ، މިޞްރުގެ ޖާޒީ ލައިގެން ކުޅޭ ކޮންމެ ކުޅުންތެރިއަކަށާއި ސަޕޯޓަރަކަށް އިންސާފާއި، އިހުތިރާމާއި، ގަވާއިދުތައް ހަމަހަމަކަމާއެކު ތަންފީޒުވުން ހައްގުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!