ކީލިއަން އެމްބާޕޭ އާއި ފްރާންސްގެ ޓީމު އޮތީ ވަރަށް ފޯރީގައެވެ. އެއީ ހަމައެކަނި މެޓްލައިފް ސްޓޭޑިއަމްގެ ހޫނުގަދަ މާހައުލުގެ ސަބަބަކުން ނޫނެވެ. ފްރާންސުން ވަނީ މޮޅު ކުޅުމެއްދައްކައި ސްވިޑަން ބަލިކޮށް ވޯލްޑް ކަޕް 2026 ގެ ގަދަ 16 ކަށަވަރުކޮށްފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ ތިންވަނަ ފަހަރަށް އެއް މެޗެއްގައި ދެ ލަނޑު ޖަހައި، މުބާރާތުގެ ނޮކްއައުޓް ބުރުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އާކޮށްފައެވެ. އަންގާރަ ދުވަހު ސްވިޑަން އަތުން 3-0 އިން ފްރާންސް މޮޅުވުމާއެކު، ގަދަ 16 ގައި އެ ޓީމު ބައްދަލުކުރާނީ ޕެރަގުއޭއާއެވެ.

Ad
rt

"އަޅުގަނޑުގެ ނަޒަރުގައި މިއަށްވުރެ މޮޅު ޓީމެއް އަދި ނުދެކެން،" ސްވިޑަންގެ ކޯޗު ގްރަހަމް ޕޮޓާ ބުންޏެވެ.

ފްރާންސްގެ 27 އަހަރުގެ ތަރި އެމްބާޕޭ ވަނީ 45 ވަނަ މިނެޓުގައި ހިތްގައިމު ހުނަރަކާއެކު ލަނޑެއް ޖަހައި ޓީމަށް ކުރިހޯދައިދީފައެވެ. އަދި 74 ވަނަ މިނެޓުގައި އޭނާގެ ހަވަނަ ލަނޑު ޖަހައި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ލިއޮނަލް މެސީއާ އެއްވަރުކުރިއެވެ. އޭނާ މިހާރު ވަނީ ވޯލްޑް ކަޕްގެ 18 މެޗުން 18 ލަނޑު ޖަހާފައެވެ. މިއީ އާޖެންޓީނާގެ މެސީ 29 މެޗުން ޖަހާފައިވާ 19 ލަނޑުގެ ރެކޯޑަށްވުރެ އެންމެ ލަނޑެއް މަދު އަދަދެކެވެ.

އެމްބާޕޭގެ ލަނޑަކަށްފަހު އޭނާ އާއި ޑެމްބެލޭ، ފޮޓޯ: ގެޓީ އިމޭޖްސް

މި ދެ ލަނޑުގެ ދެމެދުގައި، 53 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ވަނީ ފްރާންސަށް ލަނޑެއް ޖަހައިދީފައެވެ. މިއާއެކު ފްރާންސް ވެފައިވަނީ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ފަސް މެޗުގައި ތިން ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު ޖެހި ފުރަތަމަ ގައުމަށެވެ.

"އަހަންނަކީ ކާކުކަމާއި، އަހަރެން ކުޅޭ ގޮތާއި، އަހަރެން ކުރަންވީ ކަންތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު މިއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ނޫން،" މެޗަށްފަހު ތަރުޖަމާނެއް މެދުވެރިކޮށް އެމްބާޕޭ ބުންޏެވެ.

"މުޅި ޓީމަށްވެސް އެނގޭ ކުރަންވީ ކަންތައް. މިއަދު މި ފެށުނީ އާ މުބާރާތެއް (ނޮކްއައުޓް ބުރު). އަހަރެމެން ރަނގަޅަށް ކުޅުނިން، އެކަމަކު ފެށުން ތަންކޮޅެއް ފަސްޖެހިފައި އޮތީ. ފެށުމުގައި މިއަށްވުރެ ރަނގަޅަށް ކުޅެވުނީސް." އެމްބާޕޭ ބުންޏެވެ.

ނޮކްއައުޓް ބުރުގައި އެމްބާޕޭ ޖެހި 10 ލަނޑަކީ ބްރެޒިލްގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ލިއޮނިޑާސް އާއި ރޮނާލްޑޯ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ދެ ލަނޑު އިތުރު އަދަދެކެވެ.

85 ވަނަ މިނެޓުގައި އެމްބާޕޭ ބަދަލުކުރުމުން ބެންޗަށް އައި ވަގުތު، ފްރާންސްގެ ކޯޗު ދިދިއޭ ޑެޝޯމްޕް ވަނީ އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ބޯ ތިރިކޮށްލާފައެވެ.

ޑެޝޯމްޕް، އެމްބާޕޭ އަށް އިހްތިރާމް އަދާކުރަނީ، ފޮޓޯ: ގެޓީ އިމޭޖްސް

"އަހަރެމެން މިތިބީ ހާއްސަ މިޝަނެއްގައި، އަހަރެންވެސް މިހުރީ ކުޅުންތެރިންނާއެކު އެ މަސައްކަތުގައި،" ތަރުޖަމާނެއް މެދުވެރިކޮށް ޑެޝޯމްޕް ބުންޏެވެ.

މި މުބާރާތުގައި ފްރާންސުން ވަނީ ޖުމްލަ 13 ލަނޑު ޖަހާފައެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ 2 ލަނޑެވެ. މައިކަލް އޮލީސޭ ވަނީ ފަސް އެސިސްޓް ކޮށްފައެވެ. މިއީ 1994 ވަނަ އަހަރު ޖަރުމަނުގެ ތޯމަސް ހަސްލާ ފަސް އެސިސްޓް ކުރި ފަހުން ވޯލްޑް ކަޕެއްގައި ކުޅުންތެރިއަކު އެންމެ ގިނަ އެސިސްޓް ކުރި ފަހަރެވެ.

"މެޗުގެ ދުވެލި ބަދަލުކުރަންވީ ވަގުތާއި، ބޯޅަ ހިފަހައްޓަންވީ ވަގުތާއި، ފަހަތަށް ޖެހެންވީ ވަގުތު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭ،" ތަރުޖަމާނެއް މެދުވެރިކޮށް ސްވިޑަންގެ ކެޕްޓަން ވިކްޓަރ ލިންޑެލޯފް ބުންޏެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް، ޖުލައި 4 ވަނަ ދުވަހު ފިލަޑެލްފިއާގައި ބައްދަލުކުރާނީ ޕެރަގުއޭއާއެވެ. އެ މެޗުން މޮޅުވާ ބަޔަކު ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ކެނެޑާ ނުވަތަ މޮރޮކޯއާއެވެ.

މެޗު ފެށުނުއިރު ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ. ޖުލައި 19 ގައި ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ މި ދަނޑުގެ ވައިގެ ނުސާފުކަމާއި ހޫނުގަދަކަމުގެ ސަބަބުން، ގިނަ ސަޕޯޓަރުން ތިބީ އޭސީ ކޮށްފައިވާ ކްލަބް އޭރިއާތަކުގައެވެ.

މި ދެ ގައުމު ވޯލްޑް ކަޕެއްގައި ބައްދަލުކުރި ފުރަތަމަ މެޗުގައި ފްރާންސުން ވަނީ ސްވިޑަންގެ ގޯލަށް 25 ހަމަލާ ފޮނުވާލާފައެވެ. ސްވިޑަންއަށް ފޮނުވާލެވުނީ އެންމެ 7 ހަމަލާއެވެ.

32 ވަނަ މިނެޓުގައި އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، އޭގެ ހަތަރު މިނެޓު ފަހުން އޮލީސޭ ފޮނުވާލި ހިތްގައިމު ބައިސިކަލް ކިކެއްވެސް ވަނީ ދަނޑީގައި ޖެހިފައެވެ.

"އަހަރެން ބުނިން އަހަރެމެންނަށް ބޭނުންވަނީ އާދަޔާޚިލާފް ކަންތައްތަކަކޭ. ބައެއް އާދަޔާޚިލާފް ކަންތައްތައް ފެނުނު، އެކަމަކު އެކަން ހުސްވީ،" ޕޮޓާ ބުންޏެވެ.

އެމްބާޕޭ ލަނޑު ޖެހީ އޮލީސޭ ފޮނުވާލި ހަމަލާއެއް ކީޕަރު ޖެކޮބް ވިޑެލް ޒެޓަރސްޓްރޯމް އަތުން ޖައްސައި ބޭރުކޮށްލި ވަގުތުއެވެ. އޮލީސޭ ކުރު ކޯނަރެއް އޮސްމާން ޑެމްބެލޭއަށް ޖަހައިދިނުމުން، އޭނާ ވަނީ އެމްބާޕޭއަށް ބޯޅަ ފޯރުކޮށްދީފައެވެ. ވިކްޓަރ ގިޔޮކެރެސް ކައިރިން ނައްޓާލުމަށްފަހު، އެމްބާޕޭ 6 ޔާޑު ބޮކްސްގެ ބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލިއެވެ.

އެމްބާޕޭގެ ފުރަތަމަ ގޯލް ޖެހުމަށް ބޯޅަ ފޮނުވާލަނީ، ފޮޓޯ: ރޮއިޓާސް

އެމްބާޕޭ އުފާފާޅުކުރުމަށް ދަނޑުގެ މެދުން ދުވެފައި ގޮސް، ޑެމްބެލޭއާ ސަލާމްކުރުމަށްފަހު، ބެންޗާ ދިމާލަށް ގޮސް ޑެޝޯމްޕްގެ ގައިގައި ބައްދާލިއެވެ. ޑެޝޯމްޕް މި މެޗަށް އެނބުރި އައީ އޭނާގެ މަންމަގެ ޖަނާޒާއަށް ފްރާންސަށް ދިއުމަށްފަހުއެވެ.

"އޭނާއަށް އެނގޭނެ އަހަރެމެންނާއެކު އޭނާ ދުވަހަކުވެސް އެކަނި ނުވާނެކަން، އަދި އަހަރެމެން އޭނާއަށް ސަޕޯޓުކުރާނަން،" އެމްބާޕޭ ބުންޏެވެ.

ފްރާންސްގެ ދެވަނަ ލަނޑުގެ ކުރިން ގުސްޓާފް ލަގަރބިއެލްކޭ އަތުން ބޯޅަ ގެއްލުނެވެ. އޮރެލިއަން ޗުއަމެނީ އޮލީސޭއަށް ބޯޅަ ދިނުމުން، އޭނާ ލަގަރބިއެލްކޭގެ ފައިދަށުން ބޯޅަ ނައްޓާލިއެވެ. އަދި ބާކޯލާ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު، ޒެޓަރސްޓްރޯމްގެ އަތް ނުފޯރާ ހިސާބުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ.

ފްރާންސްގެ ތިންވަނަ ލަނޑު ޖެހުމުގެ ތެރޭގައި، އެމްބާޕޭ ވަނީ ފުންނާބުން ބާކޯލާއަށް ބޯޅަ ޖައްސާލައި ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. މިއީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ 62 ވަނަ ލަނޑެވެ. ބާކޯލާ އޮލީސޭއަށް ބޯޅަ ދިނުމުން، އޭނާ ކުރިއަށް ބޯޅަ ފޮނުވާލި ވަގުތު އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ދުވެފައި ގޮސް، ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލިއެވެ.

"އަހަރެމެން ދަނީ މޮޅު ކުޅުމެއް ދައްކަމުން،" އެމްބާޕޭ ބުންޏެވެ.

މި މެޗުގައި 80,663 ސަޕޯޓަރުންގެ ކުޅިބަލަން ވަދެތިއްބެވެ. 104 މެޗުގެ މި މުބާރާތުގެ ޖުމްލަ ސަޕޯޓަރުންގެ އަދަދު ވަނީ 5 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. ގިނަ ސަޕޯޓަރުން ތިބީ ފްރާންސްގެ ނޫ ކުލައިގެ ޖާޒީގައެވެ. އަދި އެއްކޮޅެއްގައި ސްވިޑަންގެ ރީނދޫ ކުލައިގެ ޖާޒީގައި ތިބި ސަޕޯޓަރުން ތިއްބެވެ.

"ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް ނެތް. މެޗަށްފަހު އަހަރެން އެމީހުން ގާތު ބުނިން ފްރާންސް އަތުން ބަލިވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށް، އަހަރެމެންނަށް މިއީ ކުރިއަށް ދިއުމަށް ލިބުނު ބިންގަލެއް. އަދި މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ފަޚުރުވެރިވަން." ޕޮޓަރ ބުންޏެވެ.