ވޯލްޑް ކަޕް 2026 ގައި ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް ފްރާންސުން އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ސެނެގާލް 3-1 އިން ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު 14 އަށް އިތުރުކޮށްފައެވެ. މިއާއެކު އޭނާ ވަނީ ލިއޮނަލް މެސީ އާއި ޕެލޭގެ ރެކޯޑަށް ވުރެ ކުރިއަށް ޖެހިލާފައެވެ. އެމްބާޕޭގެ އިތުރުން ބްރެޑްލީ ބާކޯލާ ވެސް ވަނީ ފްރާންސަށް ލަނޑެއް ޖަހައިދީފައެވެ.
ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފުގައި އެމްބާޕޭއަށް ބޯޅައިގައި ފައި ޖެހުނީ އެންމެ 14 ފަހަރު ނަމަވެސް، 66 ވަނަ މިނެޓުގައި އޭނާ ވަނީ ހިތްގައިމު ކުޅުމަކާއެކު ފްރާންސަށް ކުރިހޯދައިދީފައެވެ. ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީ ކައިރިން ނައްޓާލުމަށްފަހު، މައިކަލް އޮލީސޭ ދިން ބޯޅައެއް ހޯދައި، ގޯލް އޭރިއާގެ ބޭރުން އޭނާ ވަނީ ކީޕަރު އެޑޮއާޑް މެންޑީއަށް ނުހުއްޓުވޭނެހެން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ކުޅެން އެރި ބާކޯލާ، އޭގެ ދެ މިނެޓު ފަހުން އެޑްރިއަން ރަބިއޮޓް ދިން ބޯޅައަކުން ލީޑު ފުޅާކޮށްދިންއިރު، މިއީ ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ. މެޗުގެ އިތުރު ވަގުތުގައި ސެނެގާލްގެ އިބްރާހިމް އެމްބާޔޭ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން އެމްބާޕޭ ވަނީ ދުރުން ފޮނުވާލި ހަމަލާއަކުން ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
"މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރެމެން ތިބީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި. މޮޅަކުން ފެށުމަކީ އަބދުވެސް ވަރަށް އުފާވެރި ކަމެއް." މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފަވެއެވެ.
"ފުރަތަމަ ހާފުގައި އަހަރެމެންގެ ކުޅުން ރަނގަޅެއް ނޫން، އެމީހުން އަހަރެމެންނަށް ވުރެ މާ މޮޅު،" ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބުންޏެވެ. ނަމަވެސް ދެވަނަ ހާފުގައި ފްރާންސުން ވަނީ 10 ހަމަލާ އުފައްދާފައެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި އެމްބާޕޭ މިހާރު ވަނީ މެސީ އާއި ޖަސްޓް ފޮންޓެއިންއަށް ވުރެ ކުރިއަށް ޖެހިލާފައެވެ. އޭނާ މިހާރު ހުރީ ޖަރުމަނުގެ ގާޑް މުލާ އާ އެއްވަރަށެވެ. އޭނާއަށް ވުރެ ކުރީގައި އުޅެނީ ބްރެޒިލްގެ ރޮނާލްޑޯ (15 ލަނޑު) އާއި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ (16 ލަނޑު) އެވެ. މީގެ އިތުރުން އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 58 ލަނޑު ޖަހައިދީ، އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލާފައެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އަމާޒު ހިފާފައިވާ ފްރާންސް، ދެން ނުކުންނާނީ ހޯމަ ދުވަހު އިރާގާ ދެކޮޅަށެވެ. އަދި ގްރޫޕް އައިގެ ފަހު މެޗުގައި ޖޫން 26 ގައި ނޯވޭއާ ބައްދަލުކުރާނެއެވެ. ސެނެގާލް ހޯމަ ދުވަހު ނޯވޭއާ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގެ ފަހު މެޗުގައި ނުކުންނާނީ އިރާގާ ދެކޮޅަށެވެ.
މި މެޗު ކުޅުނު މެޓްލައިފް ސްޓޭޑިއަމްގައި 80,545 މީހުންގެ ޖާގަ އޮތް ނަމަވެސް، އެމެރިކާ ސަރުކާރުން ސެނެގާލްގެ ސަޕޯޓަރުންނަށް ވިސާ ނުދިނުމުގެ ސަބަބުން އެޓީމުގެ ސަޕޯޓަރުން ފެނުނީ ވަރަށް މަދުންނެވެ. މެޗު ފެށުމުގެ ދެ ގަޑިއިރު ކުރިން، ފީފާގެ ރިސޭލް ސައިޓުން ޓިކެޓެއްގެ އަގު 69 ޑޮލަރަށް ދަށްވިއެވެ. މީގެ ކުރިން ޑިސެމްބަރު މަހު ފީފާއިން ޓިކެޓް ވިއްކާފައިވަނީ 220 އާއި 620 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!