އިސްރާއީލަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ބޮއިކޮޓް ކުރުމުގެ ރާޅުތަކާ ކުރިމަތިލާންޖެހިފައިވާ ގައުމު ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ޔެދިއޮތް އަހްރޮނޮތް' އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފިއެވެ.
އެ ނޫހުން ބުނި ގޮތުގައި އިސްރާއީލުގެ ސަރުކާރުގެ އިސްވެރިންނާއި، އިސްތިއުމާރީ ބާރުތަކާއި، ރަސްމީ އިދާރާތަކަށް އަމާޒުކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އިތުރުވަމުންނެވެ.
ސަރުކާރުގެ ވަޒީރުންނަށް އަމާޒުވާ ފިޔަވަޅުތައް
ފްރާންސުން ދާދިފަހުން ވަނީ އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ. މީގެ ކުރިން ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރްއަށްވެސް ވަނީ މިފަދަ މަނާކުރުމެއް އައިސްފައެވެ. މި ފިޔަވަޅުތަކަކީ ހުޅަނގު އައްސޭރި އިސްރާއީލުގެ ދަށަށް ގެނައުމަށާއި، އާ އާބާދީތައް ހެދުމަށް އެ ދެ ވަޒީރުން ބާރުއަޅަމުންދާތީ އެޅި ފިޔަވަޅުތަކެއް ކަމަށް ރިޕޯޓްގައިވެއެވެ.
އިސްރާއީލުގެ ވަޒީރުންނަށް ފިޔަވަޅު އެޅުމުގައި ފްރާންސާއެކު އަޔަލޭންޑް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލޭންޑް އަދި ނޯވޭއިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ނެޓްވޯކްތަކަށް އަމާޒުކޮށް އިނގިރޭސިވިލާތުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ބޮއިކޮޓް ހަރަކާތްތަކުގެ ކާމިޔާބީ
އޮކްޓޯބަރު 7، 2023 ގެ ކުރިން ބޮއިކޮޓް، ޑައިވެސްޓްމަންޓް އެންޑް ސެންކްޝަންސް (ބީ.ޑީ.އެސް) ހަރަކާތްތަކުގެ އަސަރު ކުޑަ ނަމަވެސް، މިހާރު މި ހަރަކާތްތަކަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށް ނޫހުން ފާހަގަކުރެއެވެ.
"އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުރިން ކުޑަވި ނަމަވެސް، މިހާރު ބީ.ޑީ.އެސް އިން ދަނީ ގިނަ ދާއިރާތަކަކުން ކާމިޔާބީ ހޯދަމުން،" ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ ތެރޭގައި ފަންނާނުން އިސްރާއީލުގައި ޝޯތައް ދިނުމަށް އިންކާރު ކުރުމާއި، ޔޫރޯވިޜަން އަދި ފީފާ ފަދަ މުބާރާތްތަކުން އިސްރާއީލު ބޭރުކުރުމަށް ހިންގާ ކެމްޕޭންތައް ހިމެނެއެވެ. އަދި ނޯވޭގެ ސޮވްރިން ވެލްތު ފަންޑުން އިސްރާއީލުގެ ކުންފުނިތަކުން އިންވެސްޓްމަންޓްތައް އަނބުރާ ގެންދިއުން ފަދަ މާލީ ފިޔަވަޅުތައްވެސް ވަނީ ފާހަގަކޮށްފައެވެ.
ބައިނަލްއަގުވާމީ ގާނޫނީ ފިއްތުންތައް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ހޯދަން ބޭނުންވާ މީހެކެވެ. މީގެ އިތުރުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ ގަތުލުއާންމުގެ މައްސަލަވެސް ދަނީ ކުރިއަށެވެ.
މި ހުރިހާ ކަންކަމާ ގުޅިގެން އިސްރާއީލުގެ އަބުރު ބައިނަލްއަގުވާމީ މައިދާނުގައި ވަނީ ވަރަށް ބޮޑަށް ކުނިވެފައެވެ. އެނަލިސްޓުން ބުނާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރަށް މި ހަރަކާތްތަކާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!