މެކްސިކޯގެ ގުއަޑަލަހާރާގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި ވޯލްޑް ކަޕް މެޗުގައި ސްޓޭޑިއަމްގެ ގިނަ ގޮނޑިތަކެއް ހުސްކޮށް ފެނުނު ނަމަވެސް، އެއީ ސަޕޯޓަރުން ދަނޑުގެ ކޮންކޯސްތަކުގައި (ހިނގާ މަގުތަކުގައި) ތިބުމުން ދިމާވި ކަމެއް ކަމަށް ފީފާއިން ހުކުރު ދުވަހު ބުނެފިއެވެ.

45,664 މީހުންގެ ޖާގަ އޮންނަ ގުއަޑަލަހާރާ ސްޓޭޑިއަމްގެ މެދުތެރޭގެ ސެކްޝަންތަކުންނާއި އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ހުސް ގޮނޑިތައް ފެންނަން ހުއްޓެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ބައިވެރިވެވަޑައިގެންނެވި މި މެޗަށް ވަދެފައިވަނީ 44,985 ސަޕޯޓަރުން ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.

Ad
rt

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ރަސްމީކޮށް އިއުލާންކުރާ އަދަދުތަކަކީ ސްކޭން ކުރެވޭ ޓިކެޓްތަކާއި ދަނޑުގެ ސަރަހައްދުގައި ތިބި މީހުންގެ އަދަދެވެ. އެއީ ވަކި ވަގުތެއްގައި ގޮނޑިތަކުގައި މީހުން ތިބި މިންވަރަށް ބަލައިގެން ކަނޑައަޅާ އަދަދެއް ނޫން" ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި ކޮންކޯސްތަކުގައި ކޮޅަށް ތިބިކަން ފާހަގަކުރެވުނު ކަމަށް ވެސް ފީފާއިން ބުންޏެވެ.

ޓޮރޮންޓޯގައި ވެސް ބައެއް ގޮނޑިތައް ހުސްކޮށް

ހުކުރު ދުވަހު ކެނެޑާގެ ޓޮރޮންޓޯގައި އެ ގައުމުގެ ފުރަތަމަ މެޗު ކުޅުނުއިރު، ދަނޑު ގާތްގަނޑަކަށް ފުރިފައި އޮތް ނަމަވެސް ބައެއް ހުސް ގޮނޑިތައް ފެނުނެވެ. ޚާއްސަކޮށް ދަނޑާ ކައިރި ތިރީ ބައިންނާއި ވަގުތީ ގޮތުން އިތުރުކުރި ސީޓުތަކުން ބައެއް ހުސްތަންތަން ފެނުނެވެ. 43,036 މީހުންގެ ޖާގަ އޮންނަ މި ދަނޑަށް ވަދެފައިވަނީ 43,002 މީހުންނެވެ.

ޓިކެޓްގެ އަގު ބޮޑުވުމުގެ ޝަކުވާ

މިފަހަރުގެ ވޯލްޑް ކަޕްގައި ޓިކެޓްގެ އަގުތައް ރެކޯޑް މިންވަރަކަށް މަތިކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފީފާއިން ބޭނުންކުރަމުންދާ ޑައިނަމިކް ޕްރައިސިންގްގެ ސަބަބުން ބައެއް ޓިކެޓްތަކުގެ އަގު ފަސް ފިގަރަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. ނަމަވެސް އިންފަންޓީނޯ ވަނީ މިއީ އުތުރު އެމެރިކާގެ މާކެޓާ އެކަށީގެންވާ އަގުތަކެއް ކަމަށް ބުނެ ދިފާއުވެފައެވެ.

މުބާރާތް ފެށުމުގެ ކުރިން 29 މެޗެއްގެ ޓިކެޓް އެއްކޮށް ހުސްވެފައިވާއިރު، ބާކީ 75 މެޗެއްގެ ޓިކެޓް އަދިވެސް ލިބެން އެބަހުއްޓެވެ.