މާލީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް ވެރިކަންކުރާ ޕީއެންސީ އާއި އެ ޕާޓީގެ ފިކުރު ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއެކު ގަދަކޮށް ހުންނެވިކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ

ޕީއެންސީން ރޭގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ ޒަމީރު ވަނީ ސަރުކާރުގެ މަގާމެއްގައި މިވަގުތު ނެތް ނަމަވެސް، ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި ޕީއެންސީގެ ގައުމީ ފިކުރު ކުރިއެރުވުމުގައި ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީއާއި ރައީސްއާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ.

''ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް އަޅުގަނޑު ހުންނާނެ، އެއީ ޕާޓީއަށް ބޭނުންވާ ވަގުތެއްކަމުގައި ވިޔަސް، ލީޑަރޝިޕަށް ބޭނުންވާ ވަގުތެއްކަމުގައި ވިޔަސް، އަޅުގަނޑު ހުންނާނީ މިގޮތަށް، އެހެންވީމާ އަޅުގަނޑު މިހިރީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒު އަޅުގަނޑާއި ހަވާލުކުރަށްވާ މަސައްކަތްކުރަން ޕާޓީއާއި މި ފިކުރު ކުރިއެރުވުމަށް ޓަކައި'' ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކާގައި ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށް، 500 މިލިއަންގެ ސުކޫކު އަނބުރާ ދެއްކުމުގައި ރައީސް މުއިއްޒު ގެންގުޅުއްވި ސިޔާސަތަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މިއީ ގައުމުގެ މާލީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރުކަން ކުރެއްވި ޒަމީރު ވަނީ ރައީސް މުއިއްޒު ތަންފީޒު ކުރައްވަމުން ގެންދަވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ތާރީހީ އަދި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.

ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި 8 އޭޕްރިލް 2026 ގައި މަގާމުން އިސްތިއުފާދެއްވިއިރު، މިދިޔަ އަހަރު އޭނާ ވަނީ ކުރަށްވަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް ކުރަށްވާފައެވެ. 17 ޑިސެމްބަރު 2025 ގައި މާލީ ވުޒާރާއިން ނެރުއްވި ބަޔާނެއްމެދުވެރިކޮށް އެ މައުލޫމާތު ވަނީ އާންމކޮށްފައެވެ. އެއީ ދުރާލައި ތައްޔާރުވެގެން، އެ ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މާލީ ވުޒާރާއިން އެއިރު ނެރުނު ބަޔާނުގައި ބުންޏެވެ. ޒަމީރު މި ސާޖަރީ ހައްދަވާފައި ވަނީ ސިންގަޕޫރުގައެވެ. ޒަމީރު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ޖުލައި 2016 ގައި އެންޖީއޯޕްލާސްޓީއެއް ވެސް ހަދައިފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވި މޫސާ ޒަމީރު މާލީ ވުޒާރާ އަށް ބަދަލުކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ.

ޒަމީރު އިސްތިއުފާދެއްވާފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.