ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ޞިއްހަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރުން ދޭހަވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ސިއްހަތާ ސީދާ ގުޅިފައިވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ރީތި އާދަތައް އަށަގަންނަވަން ފަށަންޖެހެނީ ޅަފަތުގެ ތަރުބިއްޔަތުންނާއި މަދަރުސާގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާ އުސޫލުތަކުގެ ސަބަބުން މި ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

ޒަމާނީ ޓެކްނޯލޮޖީގެ ބޭނުން ހިފުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ގޭގެ ފެންވަރުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތު މިހާރު އޮތްކަން ފަސްޓް ލޭޑީ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވަން-ގަވް ޕޯޓަލް މެދުވެރިކޮށް މިއަދު އިފްތިތާޙްކުރެވުނު ދަފްތަރުގެ ސަބަބުން، އަމިއްލަ މަސައްކަތުން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް، "ސަމާވަރު" އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މީގެ އިތުރުން، މިއަދުގެ ހަފުލާގައި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ދަފްތަރުކުރުން އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ.