ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
ނާޒިމް މަގާމުން ވަކިކުރަން މިއަދު ހެނދުނު 9:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އޮތީ ތާވަލްކޮށްފައެވެ. މިއަދުގެ ޖަލްސާފަށައި، ރިޔާސަތުން މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ޢިއުލާންކުރެއްވި ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ވަނީ މަޖިލީހަށް ލިބިފައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަވާފައެއްނުވެއެވެ.
ނާޒިމްގެ އިތުބާރުގެ މައްސަލަ އެއް މަޖިލީހަށް ވެއްދީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ މެއި 14 ވަނަ ދުވަހުއެވެ.
ނާޒިމްގެ އިތުބާރުނެތްކަމަށް ހުށަހެޅި ގަރާރުގައި ޕީއެންސީ ޕީޖީގްރޫޕްގެ 75 މެމްބަރުންކުރެ 73 މެމްބަރަކު ވަނީ ސޮއިކޮށްފައެވެ.
ނާޒިމްގެ އިތުބާރުގެ މައްސަލައިގައި އޭނާ އަށް ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައެވެ. އިތުބާރުގެ މައްސަލާގައި ޖަވާބުދާރީ ވުމުގެ ފުރުސަތުގެ ވަގުތު ކަނޑައަޅަނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. އެ ކޮމެޓީން ނާޒިމަށް ދީފައި ވަނީ 10 މިނިޓްގެ ވަގުތެކެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަމުން، ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. މި ބަޔާނުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އަދި އެކަންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނެތް ކަންތައްތަކެކެވެ.
— Ahmed Nazim (@MP4Dhiggaru) May 31, 2026
އެ ބަޔާނުގައި ނާޒިމް ވިދާޅުވީ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ގާނޫނުއަސާސީއާ އެއްގޮތަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންގެ މެދުގައި އަމަލުކޮށްފައިވަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއެކު ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
ޕީއެންސީގެ މެންބަރުން އޭނާއާ ދެކޮޅަށް ހުށަހެޅި ގަރާރުގައިވާ ކަންކަމަކީ ހަގީގަތެއް ނޫން ކަމަށް ވިޔަސް، މަގާމުން ދުރުވުމަށް ގިނަ ބަޔަކު އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ރީތި އުސޫލު ކަމަށް ގަބޫލުކުރައްވާތީ އިސްތިއުފާ ދެއްވީ ކަމަށް ނާޒިމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!