އީރާނާއެކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމަށާއި ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ މުޝީރުންނާ އެކު ވައިޓް ހައުސްގެ ސިޓުއޭޝަން ރޫމްގައި ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނަމަވެސް މި އެއްބަސްވުމާ މެދު އަމަލުކުރާނެ ގޮތެއްގެ ފައިނަލް ނިންމުމެއް އަދި ނިންމަވާފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގައުމީ ސަލާމަތާ ބެހޭ އެހީތެރިންނާއެކު ބޭއްވި ދެ ގަޑިއިރެއްހާއިރުގެ މި ބައްދަލުވުމަށްފަހު، ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ޓްރަމްޕް އެއްބަސްވުމެއްގައި ސޮއިކުރައްވާނީ އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވެ، އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓުވޭނެ ފަދަ ގޮތަކަށް ކަމަށެވެ. މީގެ އިތުރުން އީރާނުން ވެސް ވަނީ މި އެއްބަސްވުން އަދި ފައިނަލް ނުވާކަމަށް ބުނެފައެވެ.
ނިއުކްލިއާ މައްސަލައިގައި ދެބަސްވުންތައް
އެމެރިކާ އާއި އީރާނުގެ މަންދޫބުން ވަގުތީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން 60 ދުވަހަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އެމެރިކާގެ ބަހަށް އިތުބާރު ނުކުރައްވާ ކަމަށާއި، އީރާނުން ކަންކަން ނިންމާނީ ވާހަކަދައްކައިގެން ނޫން ކަމަށާއި މިސައިލްގެ ބާރުން ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ އީރާނުން މިވަގުތު އިސްކަންދެނީ ހަނގުރާމަ ހުއްޓާލުމަށް ކަމަށާއި، ނިއުކްލިއާ ޕްލޭންގެ ތަފްސީލުތަކާ މެދު އަދި މަޝްވަރާ ނުކުރާ ކަމަށެވެ. އީރާނުން ބޭނުންވަނީ ލުބުނާނުގައި ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ކުރާ ހަނގުރާމަ ހުއްޓާލުމަށާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ބިލިއަނުން ފައިސާ ދޫކޮށްލުމަށެވެ.
ހޯމުޒް ކަނޑުއޮޅި ހުޅުވާލުން
މި އެއްބަސްވުމުގެ ދަށުން އީރާނުން ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުން ހުއްޓާލައި، 30 ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އަޅާފައިވާ މައިންތައް ނަގަން ޖެހޭނެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލައި، ތެޔޮ ވިއްކުމަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ވަނީ މި ކަނޑުއޮޅި ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!