އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަމަށް، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މުޙައްމަދު ބާގިރު ގާލީބާފް އަލުން އިންތިޚާބުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީންނެވެ.

Ad
rt

މިއަދު، 25 މެއި 2026 ގައި ބޭއްވުނު އިންތިޚާބުގައި ގާލީބާފް މި މަޤާމަށް ހޮވިވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭނާއަށް 235 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި މުޙައްމަދު ތަޤީ ނަޤްދަލީއަށް ލިބިވަޑައިގަތީ 29 ވޯޓެވެ. އަދި އުޘްމާން ސާލާރީއަށް ލިބިވަޑައިގަތީ 7 ވޯޓެވެ. މީގެ އިތުރުން 5 ވޯޓެއް ބާތިލުވެފައިވެއެވެ.

މިއީ 2020 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ގާލީބާފް މަޖިލީހުގެ ރައީސްކަން ކުރައްވާ ހަތްވަނަ އަހަރެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ކުރީގެ ކޮމާންޑަރެއްގެ އިތުރުން ތެހެރާންގެ މޭޔަރުކަންވެސް ކުރައްވާފައިވާ ގާލީބާފަކީ ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅެކެވެ. ބައެއް ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާ ވަނީ މަޖިލީހުގައި އޮތް ބާރުވެރިކަން ދަމަހައްޓަވާފައެވެ.

ގާލީބާފް އަލުން އިންތިޚާބުވެވަޑައިގެންފައި މިވަނީ ސަރަޙައްދީ މަސްލަޙަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައާއި، ނިއުކްލިއާ މައްސަލައާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޤަޠަރު މެދުވެރިކޮށް އެމެރިކާއާއެކު އީރާނުން ނުސީދާ މަޝްވަރާތަކެއް ކުރަމުންދާ ވަގުތެއްގައެވެ.