ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ ފޯރިގަދަ ސަގާފީ ކުޅިވަރެއް ކަމަށްވާ މަންޑި ދިރުވައި އާލާކުރުމަށްޓަކައި ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި ތާރީޚީ މެޗެއް ކުޅެފިއެވެ.
މި ފޯރިގަދަ މެޗުގައި ވާދަކޮށް 4 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ށ. ފުނަދޫގެ "އަރުމަތާ ޕްރޯ" ޓީމެވެ.
މި މެޗާ ގުޅޭގޮތުން ފުނަދޫގެ ފަރު ފުނަ ސްޕޯޓްސް އިން ބުނީ، މިއީ ފަހުގެ ތާރީޚެއްގައި ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް މަންޑި ކުޅެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އެތައް އަހަރަކަށްފަހު ދެ އަތޮޅެއްގެ ދެ ރަށް ބައްދަލުކުރި މި މެޗަކީ ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގައި ލިޔެވިގެންދާނެ މުހިންމު ހަރަކާތެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ. މި ކާމިޔާބީއާއެކު އަރުމަތާ ޕްރޯ ޓީމު ވަނީ މުޅި އުތުރުގެވެސް އެންމެ ވަރުގަދަ މަންޑި ޓީމުގެ ޝަރަފު ހޯދާފައެވެ.
ފަރު ފުނަ ސްޕޯޓްސް އިން އިތުރަށް ބުނީ، މިއީ އަންނަން އޮތް ޖީލުތަކަށް މިފަދަ ކުޅިވަރުތައް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސަގާފަތް ދިރުވުމަށް ދެ ރަށުގެ ޓީމުތަކުންނާއި އިސްނެގި ފަރާތްތަކުން ކުރި މަސައްކަތް އެ ޖަމިއްޔާއިން ވަނީ ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރު އަދާކޮށްފައެވެ.
ފުނަދޫ ފަރު ފުނަ ސްޕޯޓްސް އިން ވަނީ މި އީދު ބަންދުގައި ފުނަދޫގައި މަންޑި ޗެލެންޖެއް ބޭއްވުމަށް ނިންމައި، އެރަށު ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މަންޑި: ދިވެހިންގެ ސަގާފީ ކުޅިވަރު
މަންޑިއަކީ އާންމުކޮށް ރަށްރަށުގެ ހުސްބިންތަކާއި އަތިރިމަތީގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބޭނުންކުރަނީ ގާތްގަނޑަކަށް ދެ ފޫޓުގެ ދިގު ދަނޑިއަކާއި (މަންޑި)، އަދި ހަ އިންޗި ނުވަތަ ނުވަ އިންޗީގެ ކުރު ދަނޑިބުރިއެކެވެ (ފިރި ނުވަތަ ގުއްލި). ކުޅިވަރު ކުރިއަށްދަނީ ބިމުގައި ކުޑަ ވަޅެއް ކޮނެ، އެ ވަޅުގެ ހުރަހަށް ކުރު ދަނޑިބުރި ބޭއްވުމަށްފަހު ދިގު ދަނޑިން އެ އެއްލައި، ވައިގެ ތެރޭގައި ހުއްޓާ ބާރަށް ޖަހައި ދުރަށް ފޮނުވާލައިގެންނެވެ.
ދެ ޓީމަކަށް ބަހާލައިގެން ކުޅޭ މި ކުޅިވަރުގައި މާކްސް ގުނަނީ މަންޑި ޖެހުމުން އެ ވެއްޓުނު ތަނަކުން ފެށިގެން ވަޅާ ހަމައަށް ދިގު ދަނޑިބުރިން މިނައިގެންނެވެ. އާންމުކޮށް އީދު ފަދަ މުނާސަބަތުތަކުގައި ކުޅޭ މި ކުޅިވަރަކީ ދިވެހިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށްދޭ، ސަގާފީ ގޮތުން މުހިންމު ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!