ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި "އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ގުޅިގެން، 2026 މެއި 12 އިން 14 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ އަރުޝީފީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގައި، އިދާރީ މުވައްޒަފުންނަށް ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލްކޮށް އަރުޝީފުކުރުމުގެ ފަންނީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޤައުމީ އަރުޝީފުގެ ޓީމުން ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި އެ މުއައްސަސާއަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

އަރުޝީފުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ކުޅުދުއްފުށީ ސިޓީގެ ޕަބްލިކް ލައިބްރަރީން އިސްނަގައިގެން ކުރިއަށްގެންދާ "ލިޓަރަރީ ސެލޫން" ގެ 19 ވަނަ އެޕިސޯޑް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައެވެ. މި ސެޝަންގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ދިވެހި ބަހާއި، އަދަބިއްޔާތާއި ތަޢުލީމީ ދާއިރާގައި ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ މުޙައްމަދު އާމިރު އަޙްމަދެވެ.

މި ސެޝަންގައި މުޙައްމަދު އާމިރު އަޙްމަދު ރިވިއު ކުރައްވާފައިވަނީ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ މަޝްހޫރު ފޮތެއް ކަމަށްވާ "ކަންޒުލް އަދަބު" އެވެ. މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަމާއި ބަހުގެ ރީތިކަން ހާމަކޮށްދޭ، އަދަބީ ލިޔުމެއްގައި ހުންނަންޖެހޭ ފުރިހަމަ ސިފަތައް އެކުލެވިގެންވާ އަގުހުރި އުފެއްދުމެކެވެ.

މުޙައްމަދު އާމިރު އަޙްމަދަކީ ދިވެހި ބަހާއި އަދަބިއްޔާތަށް ލޯބި އުފެއްދުމަށާއި، ބަހުގެ ހުނަރުތައް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ، މި ދާއިރާގެ ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.