ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި މިކަމުންވެސް ހާމަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށާއި، ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވައި، ދުވަހުގެ ތަހުނިޔާ އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މެސެޖެއް އާންމުކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤްބަލެއް ކަށަވަރުކުރުމަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އޯގާތެރިކަމާއި، އެހީތެރިކަން މުހިންމުކަމަށް ވިދާޅުވިއެވެ.
އާއިލާތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އައު ގޮންޖެހުންތަަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި ދަރިންގެ އިތުރުން ޢާއިލީ ޒިންމާތައް އުފުލާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޢާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަސް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަނީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!