އިންޑިއާގެ ޓެމިލް ނާޑޫގެ އައު ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)، އޭނާގެ ސަރުކާރުން ހިންގާ 717 ރާވިއްކާ ފިހާރައެއް (ޓަސްމެކް އައުޓްލެޓް) ބަންދުކުރުމަށް މިއަދު އަމުރުކުރައްވައިފިއެވެ.
މިއީ މިދިޔަ މެއި 10 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިޖޭ ނެރުއްވި ފުރަތަމަ ބޮޑު ސިޔާސީ ނިންމެވުމެވެ.
މިއަދު، 12 މެއި 2026 ގައި ނެރުއްވި މި އެގްޒެކެޓިވް އަމުރުގެ ދަށުން ބަންދުކުރަން ނިންމާފައިވަނީ އަޅުކަންކުރާ ތަންތަނާއި، ތައުލީމީ މަރުކަޒުތަކާއި، އަދި ބަސް ހުއްޓިތަކާ 500 މީޓަރުގެ ކައިރީގައި ހުރި ފިހާރަތަކެވެ. މި ފިހާރަތައް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބަންދުކޮށް، އެ ތަންތަން ހުސްކުރުމަށް ޑިސްޓްރިކްޓް އިދާރާތަކަށާއި ޓަސްމެކްގެ ކަމާބެހޭ ފަރާތްތަކަށް ވަނީ މުހުލަތެއް ދީފައެވެ.
މި ނިންމުމަކީ ވިޖޭގެ ޕާޓީ، ތަމަޅަގަ ވެޓްރީ ކަޅަގަމް (ޓީވީކޭ) އިން އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެފައިވާ މުހިންމު ވައުދެކެވެ. އެ ޕާޓީން ބުނަމުން އައީ މީގެ ކުރިން އަމަލުކުރަމުން އައި 50 ނުވަތަ 100 މީޓަރުގެ ދުރުމިނަކީ ދަރިވަރުންނާއި އާއިލާތަކުގެ ރައްކާތެރިކަމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެހެންކަމުން، މި ބަފަރ ޒޯން 500 މީޓަރަށް އިތުރުކުރުމުގެ މަގްސަދަކީ އާންމު އިޖުތިމާއީ މާހައުލު ރަނގަޅުކުރުމެވެ.
2026 ވަނަ އަހަރުގެ އެސެމްބްލީ އިންތިޚާބުގައި ޓީވީކޭ އިން ވަނީ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގެ ބާރު ނިމުމަކަށް ގެނެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީގެ ގޮތުގައި ފާހަގަވެފައެވެ. ސަރުކާރުން ބުނެފައިވަނީ މިއީ ދައުލަތުގެ އާމްދަނީއަށްވުރެ ބޮޑަށް މުޖުތަމައުގެ ލާބައަށް އިސްކަންދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ފިޔަވަޅަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މަރުހަބާ ކިޔަމުންދާއިރު، ބައެއް ފަރާތްތަކުން ދަނީ ދައުލަތުގެ އާމްދަނީއަށް މީގެ ސަބަބުން ކުރާނެ އަސަރާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ޗީފް މިނިސްޓަރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރާވިއްކުމުގެ ސިޔާސަތަށް ގެންނަން ނިންމާފައިވާ ބޮޑު އިސްލާހީ ބަދަލުގެ ފުރަތަމަ މަރުހަލާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!