އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ.
"އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކުން ފޮނުވި ޖަވާބު އަހަރެން މި ކިޔާލީ. އަހަރެން މިއަކާ ގަބޫލެއް ނޫން، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން!" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާގެ ހުށަހެޅުމަށް އީރާނުން ޖަވާބު ފޮނުވާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އީރާނުގެ އިރްނާ ނިއުސް އެޖެންސީން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ދިން ހުށަހެޅުމުގެ ޖަވާބު ޕާކިސްތާނުގެ މެދުވެރިންނާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އީރާނުގެ ރަސްމީ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެމެރިކާ އާއި އިޒްރޭލުން ހުރިހާ ފްރަންޓެއްގައި، ހާއްސަކޮށް ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 އިން ފެށިގެން އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލު ސިފައިން ދަނީ ކޮންމެ ދުވަހަކު ލުބުނާނަށް ހަމަލާދީ ހިޒްބުﷲ އާއެކު ކުރިމަތިލުންތައް ހިންގަމުންނެވެ. ސަރަހައްދީ މަސްރަހު ގޯސްވެފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށާއި ގަލްފުގެ ގައުމުތަކަށް ހަމަލާދީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ.
ޕާކިސްތާނު މެދުވެރިވެގެން އޭޕްރިލް 8 ގައި ވަގުތީ ގޮތުން ހަމަލާބަދަލުކުރުން ހުއްޓާލި ނަމަވެސް، އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނިފައެއް ނުވެއެވެ. މި ވަގުތީ އެއްބަސްވުމުގެ މުއްދަތު ރައީސް ޓްރަމްޕް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވައި، ޑިޕްލޮމެޓިކް މަގުން ދާއިމީ ހައްލެއް ހޯދުމަށް ފުރުސަތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!