ރާއްޖޭގައި ސައްޙަ އެކްޓިވް ވޯކްޕާމިޓެއްގައި ތިބެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުން ގަވައިދަށް ފައްތައި، އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ފުރިހަމަކޮށް ނިންމާލައިފިކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ސައްޙަ ވޯކްޕަރމިޓް އޮތް 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ. މިއީ މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހަރުދަނާ މަސައްކަތުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

Ad
rt

މި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ހަވާލުވިއިރު، މި މައުލޫމާތުތައް ފުރިހަމަވެފައި ހުރީ އެންމެ 13 އިންސައްތަ ބިދޭސީންގެއެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މި އަދަދު ވަނީ 98 އިންސައްތައަށް އުފުލިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި، ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ފަށާފައިވާ ހަރަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އޮޕަރޭޝަނުގެ ދަށުން ރަށު ކައުންސިލްތަކުގައި ބަޔޯމެޓްރިކްސް ނެގޭނެ ނިޒާމު ގާއިމުކޮށް، ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު އިޙްސާން ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މައުލޫމާތުގެ އަލީގައި ބިދޭސީންގެ ވަރުގަދަ މައި ދަފްތަރެއް އެކުލަވާލެވޭނެއެވެ.

"އޮޕަރޭޝަން ކުރަނގީ" ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ބިދޭސީން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންތޯ ކަށަވަރު ކުރުމެވެ.

ސަރުކާރުގެ ބޮޑު އަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މުޅިން ހައްލުކޮށް، ނިޒާމީ ގޮތެއްގައި މިކަން ބެލެހެއްޓޭނެ މަގު ފަހިކުރުމެވެ.