ކުޅުދުއްފުށީ ސިޓީގެ ޔޫޓިލިޓީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހަރުދަނާކުރުމާ ގުޅޭގޮތުން ޖަޕާނުގެ ބައިނަލްއަޤްވާމީ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ "ކަނެޑީވިއާ" އާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ "ޖީނެޓްސް ސަމިޓް" ގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކުޅުދުއްފުށީގައި ދެމުންގެންދާ ފެނާއި، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، މި ޚިދުމަތްތައް މިހާރަށްވުރެ އެފިޝަންޓްކޮށް، ޚިދުމަތުގެ އަގު ހެޔޮކުރެވިދާނެ ގޮތްތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޔޫޓިލިޓީގެ ދާއިރާތަކުން ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިފައިވާ ކަނެޑީވިއާ ކުންފުންޏާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ އޮނިގަނޑެއް އެކުލަވާލުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، ކުޅުދުއްފުށީގެ ޔޫޓިލިޓީ ޚިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީކުރުމަކީ 2026 ވަނަ އަހަރަށް އެކުލަވާލެވޭ ސިޓީގެ ތަރައްޤީގެ ޕްލޭންގައިވެސް އެންމެ އިސްކަމެއް ދީގެން ހިމަނާނެ އެއް ކަންތަކެވެ. މި މަޝްވަރާތަކަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.