މާލެ ސަރަހައްދުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަތުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލ. ކަލައިދޫ / ހިޔާވަހި، ޢަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އެމް ޑީ ޖޯޝިމް އުއްޑިން (43އ) އަދި މަމުން ދަލި (32އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، އިތުރު 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. ކަސްޓަމްސްއިން ހަވާލުކުރި ތަކެއްޗާއެކު މި އޮޕަރޭޝަންގައި ޖުމުލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!