ނޫސްވެރިކަމަކީ އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ ނޫސްވެރިކަމަކީ ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ އާބާދީ ކުޑަކަމުން ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީޑިއާއަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަމުންދާ ކަމަށެވެ. އެގޮތުން ދިވެހި މީޑިއާތައް ހިންގާނެ "މީޑިއާ ވިލެޖެއް" ތަރައްޤީ ކުރުމުގެ މަސައްކަތާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދޭން ނިންމެވި ނިންމެވުމަކީ މި ދާއިރާ ތަރައްޤީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
"މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ،" ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މީޑިއާ ބޮޑުވެ، މި ދާއިރާއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ ފަޚުރުވެރިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމު ކަމަށެވެ. އެހެންކަމުން މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި، ނޫސްވެރިން ތަމްރީނު ކުރުމާއި، ބައިނަލްއަޤުވާމީ ނޫސްވެރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!