ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން، އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.

ސިނާން މިގޮތަށް ނިންމެވީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައި، އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނިކޮށެވެ.

Ad
rt

މި ނިންމެވުން އިޢުލާން ކުރައްވައި ސިނާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕްރައިމަރީގެ ކާމިޔާބީއާ ގުޅިގެން ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައިވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އިންތިޚާބުން އެއްކިބާވެ ވެވަޑައިގަތުމަށް ނިންމެވި ސަބަބު ހާމަކުރައްވަމުން ސިނާން ވިދާޅުވީ، ވޭތުވެދިޔަ ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިފަހަރު މި ގޮނޑި ޕީއެންސީއަށް ކާމިޔާބުވުމަށް އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ.

ސިނާން ޓިކެޓް ކަށަވަރުކޮށްފި

"މިގޮތަށް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާއި އަޅުގަނޑުގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަން އަރުވަން،" ސިނާން ވިދާޅުވިއެވެ.

ސިނާން އިތުރަށް ވިދާޅުވީ އޭނާގެ މި ނިންމެވުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގާފައިވާ ކަމަށާއި، ޕާޓީގެ ލީޑަރޝިޕުން އެ ނިންމެވުމަށް އިޚްތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ. އަދި ޕާޓީން އައު ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ކެނޑިޑޭޓަކާއެކު ރައްޔިތުންގެ ގާތަށް ނުކުންނަވާނެ ކަމަށާއި، ހުރިހާ ރައްޔިތުންވެސް އައު ރޫހެއްގައި ޕާޓީގެ ކެނޑިޑޭޓް ހޮވުމަށް މަސައްކަތް ކޮށްދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.