ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައިވެސް އަދި އެހެން ބޭފުޅެއްގެ އިސްތަށިފުޅުގައިވެސް، ޤަޛުފްވިޔަސް އަދި އެހެން ކުށެއްގެ ވިޔަސް، ސާބިތު ނުހިފޭ އިލްޒާމެއް އެޅުވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް އިއްޔެ ވިދާޅުވެއްޖެއެވެ.
އިޤްބާލް މީސްމީޑިއާގައި ޝާއިޢުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގައި ކަންކަން ޙަލާލުކުރައްވައި އަދި ޙަރާމްކުރައްވާފައިވަނީ އިންސާނީ ކަރާމާތާއި، ޢަދުލު އިންޞާފާއި، މުޖުތަމަޢުގެ އަމަންއަމާންކަން ނަގަހައްޓައި ދެމެހެއްޓުމުގެ މުޤައްދަސް މަޤްޞަދުގައި ކަމަށެވެ. އެހެންކަމުން، އެކަކު އަނެކެއްގެ އަބުރާ ބެހުމާއި، ޙައްޤަކާ ނުލައި އިލްޒާމްތައް އެޅުވުމަކީ މުޖުތަމަޢު ފަސާދަވެ، ނަފްރަތު އުފެދި، މުޅި މުޖުތަމަޢު އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކޮންމެ އިންސާނަކީވެސް ޢިއްޒަތްތެރިއެކެވެ. ކަރާމާތްތެރިއެކެވެ. އެއީ އޭނާގެ ވެރި ޚާލިޤުވަންތަ މާތް الله ނިންމަވާފައިވާ ގޮތެވެ،" އިޤްބާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ އިންސާނާގެ ދީނާއި، ނަފްސާއި، ނަސްލާއި، ބުއްދި އަދި މުދާ ޙިމާޔަތްކުރުމުގެ މައްޗަށެވެ. މިއިން ކަމަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ކުރުމަކީ އިސްލާމީ ޝަރީޢަތާއި، ރާއްޖޭގެ ޤާނޫނު އަސާސީއާވެސް ޚިލާފު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްޞަކޮށް ޤަޛުފްކުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިޤްބާލް ވިދާޅުވީ، ޤަޛުފްކުރުމަކީ (މީހަކަށް ޒިނޭގެ ތުހުމަތު އެޅުވުން) ކަނޑައެޅިގެންވާ ބޮޑު ފާފައެއް ކަމަށެވެ. ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ އާޔަތްތަކުން ދަލީލު ދައްކަވަމުން އޭނާ ވިދާޅުވީ، އެފަދަ ކަންކަން ކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ކަމަށާއި، އިސްލާމީ ޝަރީޢަތުގައި އެފަދަ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދުޖެހުމާއި، އެމީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވާފައިވާ ކަމަށެވެ.
އިޤްބާލް ވިދާޅުވީ ޙައްޤުތައް ލިބެނީ ވާޖިބުތައް އަދާކުރުމުން ކަމަށާއި، ކޮންމެ މީހަކުވެސް ތިމާގެ ވާޖިބު އަދާކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވުމަށާއި، އަނެކުންނަށް އިޙްތިރާމްކޮށް، ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މި ލިޔުމުގައި އިޤްބާލް ވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "ޙައްދުތަކާއި ތަޢުޒީރު" ފޮތާއި، ގްރޭޑް 9 ގެ އިސްލާމީ ތަރުބިޔަތު ފޮތުގެ މައުލޫމާތުތަކަށް ރިޢާޔަތްކުރައްވާފައެވެ.
އޭނާ ނިންމަވާލައްވަމުން ވިދާޅުވީ، ދުލުން ބޭރުކުރާ ކޮންމެ ބަހަކީ ޤިޔާމަތްދުވަހު އެއާމެދު ޖަވާބުދާރީވާންޖެހޭނެ ބަހެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!