ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްދަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މިގޮތުން މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށް ކަދުރު ބެހުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ދޫކުރާނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ކަދުރާ ހަވާލުވާން އަންނަ ފަރާތްތަކުން އެ ގޭބިސީއެއްގެ އެޑްރެހާއި، ކަރަންޓު މީޓަރުގެ ނަންބަރު އަދި ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެއެވެ.
އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނެ އުސޫލު
ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށެވެ. އަތޮޅުތަކަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓު ކަދުރުގެ ރޭޓުންނެވެ.
ކައުންސިލްތަކުން ކަދުރު ބަހަމުންދާނީ އެ ރަށަކަށް ނުވަތަ ސިޓީއަކަށް ކަނޑައަޅާފައިވާ ކަދުރުގެ ސްޓޮކް ހުސްވަންދެން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!